ENGLISH

27 ނޮވެމްބަރު 2025

Advertisement

މާލޭ ވޮކޭޝަނަލް ހައި ސްކޫލުގެ ކިޔެވުން ފަށައިފި، ފުރަތަމަ ބެޗުގައި 60 ދަރިވަރުން

27 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

މާލޭ ވޮކޭޝަނަލް ހައި ސްކޫލުގައި ކިޔަވާ ދަރިވަރުން. މިއަދު ވަނީ އެ ސްކޫލުގެ ކިޔެވުން ފަށާފައި. ފޮޓޯ: ޕީއެސްއެމް

މަތީ ސާނަވީ ފުރުޞަތު ފަހިކުރުމުގެ ގޮތުން، ވޮކޭޝަނަލް ޕާތުވޭއަށް މަތީ ސާނަވީ މަރުޙަލާގައި ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް އަމާޒުކޮށްގެން ހުޅުވި "މާލޭ ވޮކޭޝަނަލް ހައި ސްކޫލް" ގެ ކިޔެވުން މިއަދު ފަށައިފިއެވެ. 

އެ ސްކޫލުގެ ކިޔެވުން ފެށުމުގެ ގޮތުން މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ. ރަސްމިއްޔާތު ބާއްވާފައިވަނީ ސްކޫލް ހިންގާ ޕޮލިޓެކްނިކްގައެވެ. 

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. ޝަފީޢު ވިދާޅުވީ، މިއީ އޯލެވެލް ނިންމާ، ކުރިއަށްދާން މަގެއް ނުފެނި ތިބި އެތައް ދަރިވަރުންތަކަކަށް ފުރުޞަތު ފަހިކޮށްދީ، ހުނަރުވެރި ޖީލެއް ބިނާކުރަން ފެށުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ. 

ފުރަތަމަ ބެޗުގައި 60 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. ވަޒީރު ވިދާޅުވިގޮތުގައި ސަރުކާރުގެ އަމާޒަކީ ވޮކޭޝަނަލް ޕާތުވޭއިން 500 ކުދިންނަށް ފުރުޞަތު ދިނުމެވެ. 

ވަޒީރު ވިދާޅުވީ، ތަޢުލީމީ ދާއިރާއަށް ސަރުކާރުން ބޮޑު ޚަރަދެއް ކުރަމުންގެންދާ ކަމަށާއި، މިހާތަނަށް ދާއިރާގެ ފުރުޞަތުތައް އޮތީ ހަނިކޮށް ކަމަށެވެ. މި ސަރުކާރުން ފެށި މަސައްކަތްތަކާއެކު ނަތީޖާ ރަނގަޅުކަމަށް ވަޒީރު ވިދާޅުވިއެވެ. 

ޕޮލިޓެކްނިކުގެ ސީއީއޯ ޒޫޝާން ކަމާލުއްދީން ވިދާޅުވީ، ފުރަތަމަ ބެޗުގެ 60 ދަރިވަރުން ފަސް ޕްރޮގްރާމެއް ފުރިހަމަކުރާނެ ކަމަށެވެ. އެއީ ފޮޓޯގްރަފީ، އިންފޮމޭޝަން ޓެކްނޮލޮޖީ، އާކިޓެކްޗަރ، އިލެކްޓްރިކަލް އިންޖީނިއަރިން އަދި ސްމޯލް ބިޒްނަސް މެނޭޖްމަންޓް އެވެ. 

އައު ސްކޫލާއެކު، ރަސްމީ ތަޢުލީމުގެ ލެވެލްތަކާއި މަތީ ތަޢުލީމުގެ ދާއިރާއާއި ދެމެދު އޮތް ހުސްކަން ނައްތާލެވިގެންދާނެކަމަށް ޒޫޝާން ވިދާޅުވިއެވެ. 

މާލޭ ވޮކޭޝަނަލް ހައި ސްކޫލަށް ވަނުމަށް ފުރުޞަތު ހުޅުވާލީ މިއަހަރުގެ އޮކްޓުބަރު މަހުގެ 2 ވަނަ ދުވަހު އެވެ. ސަރުކާރުގެ އައު ސްކޫލެއްގެ ގޮތުގައި ވޮކޭޝަނަލް ސްކޫލުގެ ކިޔެވުން ކުރިއަށްގެންދާނީ އޭލެވެލްގެ ރަސްމީ އޮނިގަނޑުގެ ދަށުންނެވެ. 

ކިޔުންތެރިންގެ ހިޔާލު