ENGLISH

27 ނޮވެމްބަރު 2025

Advertisement

ޖިންސީ ފުރައްސާރަ ކުރިކަން ސާބިތުވެ، ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި

27 ނޮވެމްބަރު 2025

|

މަރިޔަމް ލީމް

އއ. ފެރިދޫ ކައުންސިލްގެ ރައީސް، އިސްމާޢީލް ޝާހުގެ މައްޗަށް ޖިންސީ ފުރައްސާރަ ކުރިކަން ސާބިތުވެ، އޭނާ ތިން މަސް ދުވަހަށް ސަސްޕެންޑްކުރުމަށް އެލްޖީއޭ (ލޯކަލް ގަވަމެންޓް އޮތޯރިޓީ) އިން ނިންމައިފިއެވެ.

މިއީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ސެޕްޓެމްބަރު 21، 2025 ގައި ނިންމި ނިންމުމަށް އެލްޖީއޭ އިން އެޅި ފިޔަވަޅެކެވެ. މި މައްސަލައާ ގުޅިގެން އެލްޖީއޭ އިން އިންކުއަރީއެއް ކުރިޔަށް ގެންގޮސްފައިވެއެވެ. އަދި އެއަށް ޖަވާބުދާރީ ވުމަށް ޝާހުއަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، ފާހަގަވި ކަންކަން މިއަދު ވަނީ އާއްމުކޮށްފައެވެ.

ޝާހުގެ މައްޗަށް މި މައްސަލަ ސާބިތުވާކަމަށް ކަނޑައެޅުމުން ގާނޫނުން ކައުންސިލްގެ ރައީސްގެ މައްޗަށް މަތިކޮށްފައިވާ ޒިންމާއާ ޚިލާފުވެފައިވާކަން ކަށަވަރުވާކަމަށް އެލްޖީއޭއީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ޝާހުގެ ކިބައިން ފެނުނު އަމަލުތަކަކީ ގިނަ މާއްދާތަކަކާއި ހިލާފުވެފައިވާ އަމަލުތަކެއް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން ލާމަރުކަޒީ ގާނޫނުގައި ކައުންސިލްގެ ތަސައްވުރު ކާމިޔާބުކަމާއެކު، ހާސިލްކުރަން އިޚުލާސްތެރިކަމާއި ވަފާތެރިކަންމަތީގައި މަސައްކަތްކުރާ ބަޔަކަށް ވުމާއި އަދި ކައުންސިލްގެ ހައިސިއްޔަތާއި ގަދަރު ދެމެހެއްޓުމުގެ ގޮތުން ހިފަހައްޓަންޖެހޭ ހަމަތަކާއި އުސޫލުތައް ހިފަހައްޓާ ބަޔަކަށް ވާން ޖެހޭނެ ކަމަށް ބަޔާންކުރިއަސް މިކަންތައްތަކާ ވަނީ ޚިލާފުވެފައެވެ.

މި އިންކުއަރީގައި ފާހަގަވި ކަންތައްތަކަށް އަލިއަޅުވާލާއިރު، ކައުންސިލްގެ އިދާރީ ހިންގުމުގެ މަސައްކަތަށް ބުރޫއަރާ ފަދަ އަމަލުތަކާއި ކައުންސިލްގެ މަސްލަހަތު ގެއްލޭ ފަދަ އަމަލުތަކާއި ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ގެއްލޭ ފަދަ އަމަލެއް ކުރުން ކަމަށް ބަޔާން ކޮށްފައިވެއެވެ. ފެރިދޫ ކައުންސިލުގެ ރައީސް އެ ގާނޫނާ ހިލާފަށް އަމަލުކުރިކަން އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް، އިންކުއަރީގައި ކަށަވަރުވެފައިވެއެވެ. އަދި އިންކުއަރީއަށް ޖަވާބުދާރީވުމަށް ދިން ފުރުސަތުގައި ދެއްވި ޖަވާބުގައި ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި ހެއްކާ ބެހޭ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފަށް ކަމަށް ފާހަގަކުރިއަސް ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފެއް ނުކުރެއެވެ.

އެލްޖީއޭގެ ބޯޑުން ބޭއްވި ބައްދަލުވުމުގައި ވަނީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ޝާހު ތިން މަސް ދުވަހަށް ސަސްޕެންޑުކުރަން ނިންމައިފައެވެ.

އަދި ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އޮފިސަރާ މެދު ފުރައްސާރައިގެ އެއްވެސް އަމަލެއް ތަކުރާރު ނުކުރުމަށް ޝާހުގެ މައްޗަށް އަންގައި އަމުރު ކޮށްފައިވާއިރު، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ހުކުމުގައި ވަނީ މައްސަލަ ހުށަހެޅި އެސިސްޓެންޓް ކައުންސިލް އޮފިސަރާއި ޝާހުގެ ފަރާތުން ހުށަހެޅި ލިޔުންތަކާއި ދެ ފަރާތުން ދެއްކި ވާހަކަތައް އަދި ހެކި ބަހަށް ބަލާއިރު ޝާހު ޖިންސީ ފުރައްސާރަ ކޮށްފައިވާކަން މަދަނީ މިންގަނޑުން ސާބިތުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު