ENGLISH

27 ނޮވެމްބަރު 2025

Advertisement

އިންތިޚާބުތަަކަށް ހޭލުންތެރިކުރުމަށް 12 އަތޮޅެއްގައި ޕްރޮގްރާމް ފެށުމަށް ތައްޔާރުވަނީ

27 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

ވޯޓުލާ މަރުކަޒުގައި ވޯޓުގުނުގައި އިލެކްޝަންގެ އޮފިޝަލުން ހަރަކާތްތެރިވަނީ. --ފޮޓޯ--އިލެކްޝަން ކޮމިޝަން

ރާއްޖޭގެ 12 އަތޮޅެއްގެ 36 ރަށެއްގައި މިމަހުގެ 28 އިން ޑިސެންބަރު މަހުގެ ދެވަނަ ދުވަހާ ހަމައަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ވެށި ހަރުދަނާކުރުމުގެ ގޮތުންނާއި، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަށް ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުން އަންނަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޑިމޮކްރެޓިކް ވެށި ހަރުދަނާކުރުމުގެ ގޮތުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހިނގާގޮތާއި، އަސާސްތަކާއި، މަލްޓިޕާޓީ ސިސްޓަމްއާ ގުޅޭ މައުލޫމާތާއި، ރައްޔިތުންނަށް ލިބިދޭ ހައްޤުތަކާއި ނިޒާމުގައި ހިމެނޭ ފަރާތްތަކުން ނަގަން ޖެހޭ ޒިންމާތަކާއި، އިންތިޚާބީ ނިޒާމަށް އާންމުން ހޭލުންތެރިކުރުމުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް އާންމުން ހޭލުންތެރިކުރުމެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހއ، ށ، ނ، ރ، ޅ، އދ، ފ، ތ، ގއ، ގދ، އައްޑު އަތޮޅު، އައްޑޫ ސިޓީ، އަދި ފުވައްމުލަކު ސިޓީގަ އެވެ.

ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތަކުގެ އިތުރުން، ޒުވާނުންނަށް ޚާއްސަ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަަމަށް އިލެކްޝަނުން ބުންޏެވެ. 

ފެސިލިޓޭޓަރުންގެ ގޮތުގައި މި ޕްރޮގްރާމްގައި ހަރަކާތްތެރިވެ ވަޑައިގަންނަވާނީ އިލެކްޝަނުން ހިންގި ޓްރޭނަރސް ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ 24 ފަރާތެކެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ފުވައްމުލައް ސިޓީ ލާރނިންގ ސެންޓަރާ ގުޅިގެންނެވެ. އަދި މި ހަރަކާތުގެ މީޑީއާ ޕާޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އެވެ.

ކިޔުންތެރިންގެ ހިޔާލު