ENGLISH
27 ނޮވެމްބަރު 2025
ފޮއްދޫ ފުލުހުންގެ މަރުކަޒު: ފައުންޑޭޝަނާއި ތަނބުތަކުގެ މަސައްކަތް ނިންމައިފި
27 ނޮވެމްބަރު 2025
|
ނ. ފޮއްދޫގައި ގާއިމްކުރާ ޕޮލިސް ޕޯސްޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ ޕޮލިސް އިމާރާތުގެ ފައުންޑޭޝަނާއި ތަނބުތަކުގެ މަސައްކަތުގެ އިތުރުން މަތީ ބެރީގެ މަސައްކަތްތައް ވެސް ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ އިމާރާތުގެ ފުރާޅުއެޅުމަށްޓަކައި ގިއުގަނޑު ތައްޔާރުކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުންޏެވެ.
ފޮއްދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅާފައި ވަނީ، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް މި އަހަރުގެ ޖުލައި މަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޚާއްސަ ރަސްމިޔާތެއްގަ އެވެ.
ތަރައްޤީގެ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ފޮއްދޫގައި ހަލުވިކަމާއެކު އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. އެގޮތުން އެރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން މަރުކަޒު ގާއިމްކުރުމާއި، ބަނދަރު ޒާމާނީ ފެންވަރަަށް ތަރައްޤީކުރުމުގެ އިތުރުން ފޮއްދޫ ސިއްހީ މަރުކަޒުގެ އިމާާރާތުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މި ހަތަރު މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް ފަށާފައިވަނީ، މި އަހަރު ޖުލައި މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ޒިޔާރަތުގަ އެވެ.