ENGLISH
27 ނޮވެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު ކަނޑާލަން މަޖިލީހަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025
|
ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުން. ރައީސުންގެ އޮފީސް ޚަރަދުގެ ފައިސާ ކަނޑާލަން މަޖިލީހަށް ވަނީ ހުށަހަޅާފައި.
ރާއްޖޭގެ ވެރިކަން ކުރައްވާފައިވާ ކުރީގެ ރައީސުންގެ އޮފީސް ޚަރަދުގެ ފައިސާ ކަނޑާލަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން މިއަދުގެ މަޖިލިސް ޖަލްސާގައި އިޞްލާޙް ހުށަހެޅުއްވީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ.
ސަރުކާރުގެ ފަރާތުން މެންބަރު ޝާހިދު ހުށަހެޅުއްވީ ކުރީގެ ރައީސުންނަށް ދޭ ޚާއްޞަ އިނާޔާތްތަކުގެ ތެރެއިން އޮފީސް ހިންގުމުގެ ޚަރަދަށްދޭ 175،000 ރުފިޔާ އުނިކުރުމަށެވެ.
ޤާނޫނު މިހާރު އޮންނަ ގޮތުން އެއް ދައުރު އަދާކުރައްވާ ކުރީގެ ރައީސުންނަށް ޖުމްލަ 275،000 ރުފިޔާ ލިބެއެވެ. އެއީ މާލީ އިނާޔަތުގެ ގޮތުގައި 50،000 ރުފިޔާ އާއި ދިރިއުޅޭނެ ތަނުގެ ޚަރަދުގެ ގޮތުގައި 50،000 ރުފިޔާ އަދި އޮފީސް ހިންގުމުގެ ޚަރަދުގެ 175،000 ރުފިޔާ އެވެ.
ރައީސުންގެ އޮފީސް ޚަރަދު ކަނޑާލުމުގެ އިތުރުން، ފަސް އަހަރުގެ ދައުރު ފުރިހަމަކުރައްވާފައިވާ ނައިބު ރައީސުންނަށް އެލަވަންސެއް ދޭ ގޮތަށް ވެސް ޤާނޫނަށް އިޞްލާޙް ހުށަހަޅުއްވާފައިވެއެވެ. ޤާނޫނުގައި ނައިބު ރައީސުންނަށް އިނާޔަތް ދިނުމެއް މިހާރަކު ނޯވެއެވެ.
ދައުރު ފުރިހަމަކުރައްވާ ނައިބު ރައީސުންނަށް ދޭން ހުށަހެޅީ 25،000 ރުފިޔާއެވެ. އޭގެ އިތުރުން ނައިބު ރައީސުންނަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ދައުލަތުގެ ޚަރަދުގައި ޞިއްޙީ ޚިދުމަތް ދިނުން ވެސް އިޞްލާޙުގައި ހިމަނާފައިވެއެވެ.
އާ ޤާނޫނުއަޞާސީގެ ދަށުން މިހާތަނަށް ހަ ނައިބު ރައީސުން މަޤާމް އަދާކުރެއްވިއިރު، ފަސް އަހަރުގެ ދައުރު ފުރިހަމަކުރެއްވީ މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ފައިސަލް ނަސީމް އެކަންޏެވެ.
ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުންނަށް އިނާޔަތް ކުޑަކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން ވަނީ ވިދާޅުވެފައެވެ.