ENGLISH
23 ނޮވެމްބަރު 2025
އުކުޅަހު ފުލުހުންގެ އިދާރާ ޢިމާރާތް ކުރުން؛ ތަނބުތަކުގެ މަސައްކަތް ކުރިއަށް
23 ނޮވެމްބަރު 2025
|
އުކުޅަހު ފުލުހުންގެ އިދާރާގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ:އެމްޓީސީސީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އއ. އުކުޅަހުގައި ޤާއިމްކުރާ ފުލުހުންގެ އިދާރާގެ ސެލް ބްލޮކް ކޮނުމާއި، ބިންގަނޑު ކޮމްޕެކްޓް ކުރުމާއި ފުޓިންގ އެޅުމުގެ މަސައްކަތުގެ އިތުރުން ޓައި ބީމްގެ ފިލާޖަހައި، ދަގަނޑު ޖެހުމަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ފުލުހުންގެ އިމާރާތުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މި އަހަރު އޮގަސްޓް މަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ޒިޔާރަތުގަ އެވެ.
އެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އެވެ.
ރާއްޖޭގެ ހުރިހާ ރަށަކުން ފުލުހުންގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. ސަރުކާރުން މިހާރު އަންނަނީ މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ ބޮޑު މަޝްރޫޢެއް ހިންގަމުންނެވެ. އޭގެތެރޭގައި، ފުލުހުންގެ މަރުކަޒުތައް މަރާމާތު ކުރުމާއި، ފުލުހުންގެ ޕޯސްޓުތައް ޤާއިމުކުރުމާއި، ފުލުހުންގެ އާ މަރުކަޒުތައް އެޅުން ހިމެނެ އެވެ.
ރާއްޖޭގައި ކުށްކުރާ މީހުން މަދުކޮށް، ޤާނޫނާއި ގަވާޢިދަށް ދިވެހިން އުޅުމަށް ބާރު އެޅުމުގެ ގޮތުން ފުލުހުން ދެމުން އަންނަ ޚިދުމަތް ރަނގަޅު ފެންވަރަކަށް ދިނުމަށް ސަރުކާރުންނާއި، ފުލުހުންގެ ޚިދުމަތުން އަންނަނީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.