ENGLISH

23 ނޮވެމްބަރު 2025

Advertisement

ދޮންބަންޑާރައިންގެ ޙިކްމަތާއި، ހުޝިޔާރުކަމުގެ ހަނދާންތައް މި ފަސްގަނޑުގައި ވަނީ ދިރިދިރި: ރައީސް

23 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

ދޮންބަންޑާރައިންގެ ޙިކްމަތާއި، ހުޝިޔާރުކަމުގެ ހަނދާންތައް ޝުކުރުވެރިކަމާއެކު މި ފަސްގަނޑުގައި ވަނީ ދިރިދިރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ހުރަވީ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. 

މިއަދަކީ ހޮޅީންގެ ނުރައްކަލުން ރާއްޖެ މިނިވަންވިފަހުން ފާހަގަކުރާ 281 ވަނަ އަހަރީ ދުވަހެވެ. 

"މާލޭގެ އެތައް ތަނެއްގައި ހުޅުޖަހާ، އޭރު ހުންނެވި ރަދުން ރަހީނުކޮށް، ލާއިންސާނީ އެތައް އަނިޔާއެއް ދިވެހީންނަށް ދީ، އަޅުވެތިކަމުގެ ނާމާން ދުވަސްތަކެއް މި ޤައުމަށް ގެނައި ހޮޅީންގެ ނުރައްކަލުން ރާއްޖެ މިންޖުކޮށްދެއްވި ހިތްވަރު ގަދަ ޤައުމީ ޖިހާދަށް މިއަދަށް 281 އަހަރުވީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ވަނީ ފަޚުރުވެރި ހުރަވީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އަދި، މިނިވަންކަމާއި ފާގަތިކަމުގައި ދިވެހިރާއްޖެ އަބަދުމެ ލެހެއްޓެވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާކުރައްވާފައިވެއެވެ. 

"ދޮންބަންޑާރައިންގެ ޙިކްމަތާއި، ހުޝިޔާރުކަމާއި، މި ވަޠަންގެ މައްޗަށް އޮތް ކުލުނު ހާމަވި މި ތާރީޚީ ޙާދިސާއަށް 3 ގަރުނު ވާން ކައިރިވީ އިރުވެސް، އެ ހަނދާންތައް ޝުކުރުވެރިކަމާއެކު މި ފަސްގަނޑުގައި ވަނީ ދިރިދިރި." ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. 

ހޮޅީންގެ އަތްދަށުން ރާއްޖެ މިނިވަންވި ދުވަހުގެ ގޮތުގައި، ކޮންމެ އަހަރަކު ހުރަވީ ދުވަސް ފާހަގަކުރަނީ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހެވެ. 

ކިޔުންތެރިންގެ ހިޔާލު