ENGLISH
20 ނޮވެމްބަރު 2025
ގުޅިފަޅުން 2،319 ގޯތީގެ ރަޖިސްޓްރީ ދޫކޮށްފި
20 ނޮވެމްބަރު 2025
|
ކުރީ ސަަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ދޫކުރި ގޯތީގެ ރަޖިސްޓްރީ ދޫކުރުމަށް ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން 2،319 ގޯއްޗެއްގެ ރަޖިސްޓްރީ މިހާރު ދޫކުރެވިފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ކުރީ ސަރުކާރުން ތައްޔާރުކުރި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ސަރުކާރުންވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކުރިން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވާ ބައެއް މީހުންގެ ގޯތި ގުޅިފަޅަށް ބަދަލުކޮށްފައިވެއެވެ. އެއާއެކު ކުރީ ސަރުކާރުގައި ދޫކުރި ރަޖިސްޓްރީތައް އުވައިލުމަށްފަހު، ގޯތި ދޫކުރާނެ ސަރަހައްދުތައް އަލުން ކަނޑައަޅައި ޖުލައި މަހު ގޯތި ދޫކުރަން ފެށިއެވެ.
ގޯތި ދޫކުރަން ފެށުމާއެކު ބައެއް މީހުން ހިތްހަމަނުޖެހުން ފާޅުކޮށް ގޯތީގެ ރަޖިސްޓްރީއާ ހަވާލުނުވާނެ ކަމުގައި ބުނެ މީސްމީޑިޔާގައި ކެމްޕެއިންތަކެއް ކުރިއަަށްގެންދިޔައެވެ.
ނަމަވެސް ރަޖިސްޓްރީ ދޫކޮށް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ފަހު ތާރީހެއްގެ ގޮތުގައި މި މަހުގެ ހަވަނަ ދުވަސް ކަނޑައަޅާފައިވާއިރު، އެ މުއްދަތު ހަމަވިއިރު މިހާތަނަަށް 2،319 ގޯއްޗެއްގެ ރަޖިސްޓްރީ މިހާތަނަށް ދޫކުރެވި އެއިން 25 މީހަކަށް ގުޅީފަޅުން ގޯތި ހަވާލުކުރެވިފައިވެއެވެ.
ގުޅިފަޅުން ދޫކުރަން ނިންމާފައިވަނީ 2،438 ގޯއްޗެވެ. އެހެންކަމުން މިހާތަނަށް ދޫކުރަންޖެހޭ ގޯތީގެ ތެރެއިން 119 ގޯތި ފިޔަވައި ހުރިހާ ގޯއްޗެއް ދޫކޮށް ރަޖިސްޓްރީ ހަވާލުކުރެވި ނިމިފައިވެއެވެ. ގުޅިފަޅުން ދޫކުރާ ގޯތީގެ ތެރެއިން 1،347 ގޯއްޗަކީ ގިރާވަރުފަޅުން ބަދަލުކުރި ގޯއްޗެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި، ގުޅިފަޅާއި ގިރާވަރުފަޅުން 9،031 ގޯތި މާލޭ މީހުންނަޑް ދޫކުރަން ނިންމި ނަމަވެސް މި ސަރަހައްދުތައް ހިއްކުމުގެ މަސައްކަތް އެއިރުގެ ސަރުކާރަށް ނިންމިފައިނުވެއެވެ. ނަމަވެސް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެ ތަންތަން ހިއްކުމުގެ މަސައްކަތް ވަރަަށް ހަލުއި ދުވެލީގައި ކުރިއަށްގެންދެއެވެ.