ENGLISH
20 ނޮވެމްބަރު 2025
ވޭޕް މަނާކުރިތާ އެއް އަހަރު؛ ވޭޕްއާ ގުޅުންހުރި 53،300 ސާމާނު އަތުލައިގަނެފި
20 ނޮވެމްބަރު 2025
|
ރާއްޖޭގައި ވޭޕް މަނާކުރުމުން ދުނިޔޭގެ ތާރީފު ލިބުނު
ވޭޕްއާއި އެއާ ގުޅުންހުރި ތަކެތި ރާއްޖެއަށްް އެތެރެކުރުން މަނާކުރިތާ އެއް އަހަރު ތެރޭގައި ވޭޕްއާއި އެއާ ގުޅުންހުރި 53،300 އަށްވުރެ ގިނަ ސާމާނު ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާކަމަށް މޯލްޑިވްސް ކަސްޓަަމްސްއިން ބުނެފިއެވެ.
ވޭޕްގެ ވިޔަފާރިކުރުމާއި ބޭނުންކުރުން ސަރުކާރުން މަނާކުރީ ފާއިތުވި އަހަރުގެ ނޮވެންބަރު މަހުގެ 15 ވަނަަ ދުވަހުއެވެ. ދުންފަތާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ވޭޕް ވިއްކުމާއި ބޭނުންކުރުމުގެ އިތުރަށް ވޭޕްއާއި އެއާ ގުޅުންހުރި ސާމާނު ރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެކެވެ.
ވޭޕް މަނާކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު ފާއިތުވި އަހަރެއްހައި ދުވަހުގެ ތެރޭގައި 176 މައްސަލައެއް މޯލްޑިވްސް ކަސްޓަމްސްއިން ބަލާފަައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އެ އިދާރާއިން ފާހަގަކުރި ގޮތުގައި އެ 176 މައްސަލައިއިން 53،300 ތަކެތި ހިފަހައްޓާފައިވާ ކަމަށެވެ.
ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ވޭޕުގެ ބާވަތްތައް ކުޑަކުދިންނަށް ވިއްކައިފިނަމަ 50،000 ރުފިޔާއިން ޖުރިމަނާކުރެވެއެވެ. އެފަދަ މައްސަލަތަކުގައި އޮކްޓޯބަރު މަހުގައި 35 މީހަކު 226،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ.
ވޭޕް މަނާކުރުމުގެ އިތުރަށް ދުންފަތުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމާއެކު، 2007 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރުމަށް ސަރުކާރުން ހުށަހަޅައިގެން ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނު އިސްލާހުކޮށް، މިހާރު އެ އިސްލާހު ތަންފީޒުކުރަން ފަށާފައިވެއެވެ.
' ދުންފަތް ކޮންޓުރޯލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ ގުޅިގެން، ގްލޯބަލް ސެންޓާ ފޯ ގުޑް ގަވަނަންސް އިން ޓޮބޭކޯ ކޮންޓްރޯލް (ޖީޖީޓީސީ)ގެ އިންޓެގްރިޓީ އެވޯޑު ރާއްޖެއަށް ލިބިފައިވާއިރު، މި މަސައްކަތުގައި ދިވެހި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލްގެ ޚާއްސަ އެވޯޑެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް އަރުވާފައިވެއެވެ.