ENGLISH
20 ނޮވެމްބަރު 2025
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަަށް ދައުލަތުގެ ވަޒީފާ ދިނުމަކީ އިންސާނީ ކަރާމަތަށް އިސްކަންދިނުމުގެ މަތިވެރި ނިންމުމެއް: ފަސްޓް ލޭޑީ
20 ނޮވެމްބަރު 2025
|
ނުކުޅެދުންތެރިކަން ހުރި 40 ފަރާތަކަށް އެމްޕީއެލްއިން ވަޒީފާ ހަމަޖެއްސުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ޕީއެސްއެމް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާ ހަމަޖައްސައިދިނުމަކީ އިންސާނިއްޔަތުކަމަށް އިސްކަންދިނުމުގެ ވަރަށް މަތިވެރި މިސާލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް ސަރުކާރުން ފަށާފައިވާ އެ ފަރާތްތަކަށް ދައުލަތުގެ ކުންފުނިތަކާއި ސިވިލް ސާވިސްއިން ވަޒީފާ ހަމަޖެއްސުމުގެ ޕްރޮގުރާމުގެ ތެރެއިން އެމްޕީއެލްއިން އެފަދަ 40 ފަރާތަކަަށް ވަޒީފާ ހަމަޖެއްސުމަށް ކުރިއަށްގެންދާ "ފަހި ޕްރޮގުރާމް- އެކުއެކީ ގުޅިގެން" އިފުތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ސާޖިދާ ވިދާޅުވީ، އެއްގޮތްކަމާއެކު ތަފާތުތައް ހުރުމަކީ ދުނިޔޭގެ ތަބީއަތް އަދި ގުދުރަތީ ސުންނަތް ކަމަށެވެ.
އިންސާނުންގެ ތެރޭގައި އެކި ކަހަލަ ގާބިލުކަން ހުންނަނީ އެކި މިންވަރަށްކަން ފާހަގަކުރައްވަައި ސާޖިދާ ވިދާޅުވީ ނުކުޅެދުންތެރި އުނި ސިފަތައް ކަމުގައި ގިނަ ބަޔަކަށް ފެންނަ ބައެއް ސިފަތައް ހުންނަ ބައެއް މީހުން ދުނިޔެއަށާއި، އެމީހުންގެ ގައުމަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާ ތަން ކަމަށެވެ. ވަރަށް ބޮޑެތި މަންފާތައް އިންސާނިއްޔަތަށް ފޯރުވާފައިވާ ތަން ކަމަަށެވެ.
ނުކުޅެދުންތެރިކަން ހުރި ބައެއް ފަރާތްތަކަށް އެމްޕީއެލްއިން ވަޒީފާ ހަމަޖެހިގެންދިއުމަކީ ހުރިހާ ދިވެހިންނާމެދު އެއް ނަޒަރަކުން ބެލޭކަމުގެ އުފާވެރިކަން ލިބޭކަމެއް ކަމުގައި ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ ނުކުޅެދުންތެރިކަމާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާމެދު ދެކޭ ގޮތް ބަދަލުކުރަންޖެހޭ ކަމަށެވެ.
"ހަގީގަތަށް ދަންނަވާނަމަ، ދަންނަވަންޖެހެނީ ހާއްސަ އެހީތެރިކަމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަަށް އެންމެ އެކަށީގެންވާ މުޅި މުޖުތަމައުން ގަދަރުނުދެވޭކަން. ހިތްވަރާއި އެހީތެރިކަން ފޯރުކޮށްނުދެވޭކަން. މިކަންކަން ބަދަލުކުރެވޭނީ ނުކުޅެދުންތެރިކަމާމެދު ދެކޭ ގޮތް ބަދަލުކޮށްގެންކަން،" ސާޖިދާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވާންވީ އެހެން މީހުންގެ ވޭންތަކާއި ދަތިތަކަށް އިހުތިރާމުކުރާ ބަޔަކަށް. އެހެން މީހުންގެ ހާލަށް އިސްކަންްދޭ ބަޔަކަށް. އިންސާނިއްޔަތުގެ މާތް ސިފަތައް މުޅި މުޖުތަމައުގައި އަށަގަތުމަކީ ތަހުޒީބު ގައުމެއްގެ ހެއްކެއް،"
މުޖުތަމައުގައި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ކުރިމަތިވާ މައްސަަލަތަކުގެ މިސާލެއްގެ ގޮތުގައި ސާޖިދާ ފާހަގަކުރެއްވީ ނުކުޅެދުންތެރިކަން ހުރި ދެމަފިރިއަކު ކިޔަވައި ވަޒީފާ ހޯދައި ދަރިއަކު ހޯދައިގެން ދިރިއުޅުން ބިނާކުރަމުންދިޔައިރު، މާލެއިން ތަންތަން ކުއްޔަށް ހިފުމުގައި ކުރިމަތިވި ދަތިތަކުގެ ވާހަކައެވެ.
އެ ހާދިސާއިން ފެންނަނީ ނުކުޅެދުންތެރިކަން ހުރި މީހުންނާމެދު މުޖުތައުން ދެކޭ ގޮތްކަން ފާހަގަކުރެއްވުމާއެކު، ސާޖިދާ ވިދާޅުވީ އެ ދެމަފިރިން ކިޔަވައި ވަޒީފާ ހާސިލުކޮށް އާއިލާ ބޭނުންކުރަން ފެށުނީ އެތައް ބައެއްގެ އެހީތެރިކަން ލިބިގެން ކަމުގައެވެ.
"އަޑުއެހުމާއި ބަސްމޮށުންތެރިކަމުގެ ނިއުމަތުން މަހުރޫމުވެފައިވާ ދެ ކުއްޖަކަށް ކިޔެވިއްޖެ. ވަޒީފާ ލިބިއްޖެ. ކާވެނިކޮށް ދިރިއުޅުމެއްގެ ބިންގާ އެޅިއްޖެ. އުންމީދީ އާއިލާއަކަށް ވެވިއްޖެ. ދަރިން ތަރުބިއްޔަތުކޮށް ބިނާކުރަން ފެށިއްޖެ. މިކަންކަން މިގޮތަށް ހާސިލުވާނީ އެތައް ބައެއްގެ އުންމީދާއި ހެޔޮ ވިސްނުމުން.،" ސާޖިދާ ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާގެ ފުރުސަތު ފަހިކޮށްދެވުމަކީ އިންސާނިއްޔަތުކަމަށް އިސްކަންދިނުމުގެ ވަރަށް ފުރިހަމަ ނަމޫނާއެއް ކަމުގައި ފާހަގަކުރައްވަމުން ސާޖިދާ ވިދާޅުވީ އެއީ ހުރިހާ ދިވެހިންނަކީ ހަމަހަމަ ބައެއްކަަން އަމަލީ ގޮތުން ސާބިތުކޮށްދޭ މިސާލެއް ކަމުގައެވެ.
"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާ ފަހިކޮށްދިނުމަކީ އެތައް ދިވެހި ރައްޔިތެއްގެ ހިތްދަތި އިހުސާސްތަކާއި ވޭންތަކަށް ދެވުނު ލޯތްބާއި ކުލުނުވެރިކަމުގެ ފަރުވާއެއް،" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވިއެވެ.