ENGLISH

20 ނޮވެމްބަރު 2025

Advertisement

ތާރީޚީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ޖަނަވަރީ 13 ގައި، ކުޅޭނީ ލީގު ފޯމެޓަށް

20 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި މިއަހަރު ވާދަކުރި ރާއްޖޭގެ ޓީމު. ފޮޓޯ: މިޔަންމާ ފުޓްސަލް

ދެކުނު އޭޝިއާގެ ޤައުމުތަކަށް ޚާއްޞަކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ ތާރީޚީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ޖަނަވަރީ 13 ވަނަ ދުވަހު ފަށަން ނިންމައި މުބާރާތުގެ ޝެޑިއުލް އާއްމުކޮށްފިއެވެ. 

މުބާރާތް ކުރިއަށްދާނީ ޖަނަވަރީ 13 އިން 26 އަށް ތައިލެންޑުގައެވެ. 

މިއީ ދެކުނު އޭޝިއާގެ ޤައުމުތަކަށް އަމާޒުކޮށްގެން ފުޓްސަލް މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. މުބާރާތުގައި ދެކުނު އޭޝިއާގެ ހަތް ގައުމަކުން ވާދަކުރާނެއެވެ. އެއީ، ރާއްޖެ، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާއެވެ. 

ސާފް ޗެމްޕިއަންޝިޕް ފުޓްސަލްގެ އަންހެން އަދި ފިރިހެން ޑިވިޝަން ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެ ދެ ޑިވިޝަނުގައި ވެސް ރާއްޖޭން ވާދަކުރާނެއެވެ. 

މުބާރާތް ކުރިއަށް ދާނީ ލީގު އުޞޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ. 

ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމު ފުރަތަމަ މެޗުގައި ޖަނަވަރީ 14 ވަނަ ދުވަހު ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ޖަނަވަރީ 16 ވަނަ ދުވަހު ބަންގްލަދޭޝްއާ ކުޅޭއިރު ތިންވަނަ މެޗުގައި ޖަނަވަރީ 20 ވަނަ ދުވަހު ކުޅޭނީ އިންޑިއާއާ ދެކޮޅަށެވެ. 

ސާފް ފުޓްސަލް މުބާރާތުގެ މެޗު ޝެޑިއުލް

ހަތަރު ވަނަ މެޗުގައި ޖަނަވަރީ 22 ވަނަ ދުވަހު ނޭޕާލާ ކުޅުމަށްފަހު، ފަސް ވަނަ މެޗުގައި ޖަނަވަރީ 24 ވަނަ ދުވަހު ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. ލީގު ބުރުގެ ފަހު މެޗުގައި ޖަނަވަރީ 26 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. 

ދުނިޔޭގެ ރޭންކިންއަށް ބަލާއިރު ފުޓްސަލްގައި މިވަގުތު ރާއްޖެ އޮތީ ދެކުނު އޭޝިއާގެ އެއްވަނައިގައެވެ. ރާއްޖެ 106 ވަނައިގައި އޮތްއިރު ސަރަޙައްދުން ދެވަނައިގައި އޮތީ 118 ވަނައިގައި ނޭޕާލެވެ. ތިން ވަނައިގައި އޮތީ 135 ވަނައިގައި އޮތް އިންޑިއާއެވެ. 

ބަންގްލަދޭޝްއާއި ސްރީ ލަންކާގެ އިތުރުން ޕާކިސްތާނާއި ބޫޓާން ދުނިޔޭގެ ރޭންކިންގައި އަދި ނުހިމެނެއެވެ. 

ގައުމީ ފުޓްސަލް ޓީމު ސަރަޙައްދީ މުބާރާތުގައި ވާދަކުރަން ތައްޔާރުވަމުން އަންނައިރު، ފިރިހެން ފުޓްސަލް ޓީމު ވަނީ މިދިޔަ އަހަރުތަކުގައި އޭއެފްސީ ފުޓްސަލް ޗެމްޕިއަންޝިޕްގެ ކޮލިފައިންގައި ވާދަކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު