ENGLISH
19 ނޮވެމްބަރު 2025
ގޫގުލް އައުމަކީ "ގޭމް ޗޭންޖާ" އަކަށް ވާނެ، އޮޅުވާލަނީ އެމްޑީޕީން ޤައުމަށް ހެޔޮ ނޭދޭތީ: ސަޢީދު
19 ނޮވެމްބަރު 2025
|
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު --
ރާއްޖޭގައި އިންޓަނޭޝަނަލް ސަބްމެރީން ކޭބަލް ލޭންޑިން ސްޓޭޝަނެެއް ގާއިމުކުރަން ގޫގުލްއިން ނިންމުމަކީ "ގޭމް ޗޭންޖާ" އަކަށް ވާނެ ކަމަށާ އެކަމާއި ދެކޮޅަށް އިދިކޮޅު އެމްޑީޕީން ވާހަކަ ދައްކަނީ ރާއްޖެއާ ދިވެހިރައްޔިތުންނަށް ހެވެއް ލިބެން އެ ޕާޓީގެ ވެރީން ބޭނުންނުވާތީ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސަޢީދު މިހެން ވިދާޅުވީ އަސްލުޓީވީގެ ޕްރަގްރާމެއްގައި މިރޭ ވާޙަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގައި އިންޓަނޭޝަނަލް ސަބްމެރީން ކޭބަލް ލޭންޑިން ސްޓޭޝަނެެއް ގާއިމުކުރަން ގޫގުލްއިން ނިންމުމާއެކު އެކަމުން ރާއްޖެއިން އަމިއްލައަށް ނެގެން އޮތް ފައިދާއެއް ގެއްލިގެންދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ ވިދާޅުވެފަ އެވެ.
އަދި އެ ޕްރޮޖެކްޓް ކުރީ ސަރުކާރަށްވެސް ހުށައެޅި ކަމަށާ އެކަމާއި އެ ސަރުކާރުން ދެކޮޅު ހެދިކަމަށް ވިދާޅުވި އެވެ.
އެ ވާހަކަތަކަށް ރައްދުދެއްވާ މިނިސްޓަރު ސަޢީދު ވިދާޅުވީ ގޫގުލްއަކީ އެންމެ ޕަވަފުލް އެއް ބްރޭންޑް ކަމަށާ އެ ބްރޭންޑްގެ އިންވެސްޓްމަންޓެއް ރާއްޖެއަށް އައުމަކީ ހުރިހާ ދިވެހީން ފަޚުރުވެރިވާން ޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ވެރީން އެކަމާއި ދެކޮޅު ހެދުމަކީ ހައިރާންވެވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.
ފާފު އަތޮޅުގެ 15 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢުވެސް ދޮގު ވާހަކަތައް ފަތުރާ ހުއްޓުވީ އެމްޑީޕީން ކަމަށާ މި ގައުމަށް އެމްޑީޕީން ހެވެއް ނޭދޭނެ ކަމަށެވެ.
"މި ޤައުމަށް ސިޔާސީ ގެއްލުމެއް ދީފަ ހުރިއްޔާ އެމްޑީޕީން ދޭނެ. އެއީ ވަރަށް ފަރިތަވާނެ އެކަމަށް. އެމީހުންނަކީ އެކަމުގެ އެކްސްޕާޓުން. ރާއްޖެ ކުރިއަރައިދާން އެ މީހުން ބޭނުމެއް ނުވާނެ," މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުފަދަ ވެރީންނަކީ ގައުމުތަކަށް ވަޑައިގެން އިންވެސްޓްމަންޓްތައް ގެނައުމަށް މަސައްކަތް ކުރައްވާ ލީޑަރުން ކަމަށެވެ. ގޫގުލް ރާއްޖެ އައުމަކީ ވެސް އެފަދަ މަސައްކަތްތަކުގެ ނަތީޖާ ކަމަށް ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެ ދާއިރާއިން މި ސަރަޙައްދުގެ ބާރުގަދަ ޤައުމަކަށްވުމަށް ރާއްޖެވުމަކީ ލިބޭ ކާމިޔާބެއް ކަމަށެވެ. އަދި ގޫގަލް އައުމަކީ އެހެން ބޮޑެތި ކުންފުނިތަކަށް ރާއްޖެ އައުމަށް ލިބޭ ވަރަށް ބޮޑު އިތުބާރަކަށްވާނެ ކަމަށެވެ.
"ގޫގަުލްއަށް ރާއްޖެއާމެދު ޓްރަސްކުރެވިގެން ދިވެހިރާއްޖޭގެ އިންވެސްޓަމްންޓް ރެޖީމްއާ ދޭތެރޭ އިތުބާރުކޮށްގެން މިއައީ އިއްޔެ ދެއްތޯ. އެއީ ކީއްވެތޯ. އެއީ އެފަދަ ކުންފުނިތަކުން މިއަދު ޤަބޫލުކުރޭ ރާއްޖެ މި ދަނީ ރަނގަޅު މިސްރާބަކަށްކަން,"
މިނިސްޓަރު ވަނީ ޓޫރިޒަމްގައި ރާއްޖެ ހޯދާފައިވާ ބޮޑު ކާމިޔާބީން މިސާލު ނަންގަވާ ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ މުޅި ދުނިޔޭގައި ޓޫރިޒަމްގެ އެއްނަންބަރު މާކެޓަށް މިއަދު ރާއްޖެވެފައިވާ ކަމީ ޙަޤީޤަތް ކަމަށެވެ.
މިއަދު ދުނިޔޭގެ އެންމެ ނުފޫޒުގަދަ ބުރޭންޑްތައް ކަމަށްވާ ހިލްޓަން އާއި އިންޓަކޮންޓިނެންޓަލް އާއި މެރިއެޓް ގުރޫޕާއި ފޯސީޒަން ފަދަ ބޮޑެތި ހުރިހާ ބްރޭންޑްތަކުން ރާއްޖޭގައި އިންވެސްޓްކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އަދި ރާއްޖެއަކީ ރެއަކު 10,000 ޑޮލަރު ހޭދަކުރެވޭ ކޮޓަރިތައް ހުރި ލަގްޒަރީ ޓޫރިޒަމެއް އޮތް ޤައުމެއް ކަމުގައި ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރުވެސް ބޮޑެތި މިފަދަ އެތައް ބްްރޭންޑްތައް ހުރިއިރު ގޫގުލްގެ އިންވެސްޓަންޓާއެކު އެ ދާއިރާގެ ބޮޑެތި ބްރޭންޑްތަކަށް ރާއްޖެއާ މެދު ޝައުޤުވެރިކަން އުފެދޭނެ ކަަމަށް ވިދާޅުވި އެވެ.