ENGLISH

19 ނޮވެމްބަރު 2025

Advertisement

ބޮޑު ޖަލްސާއިން ދައްކުވައިދިނީ ޕީއެންސީއަކީ ޙަޤީޤީ މެންބަރުން ތިބި ޕާޓީއެއްކަން: ފަލާޙް

18 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

ޕީއެންސީގެ ޖަލްސާއެއްގައި ފަލާޙް ވާހަކަދައްކަވަނީ.

ވެރިކަންކުރާ ޕީއެންސީގެ ފަރާތުން އާޓިފިޝަލް ބީޗުގައި ނޮވެމްބަރު 14 ވަނަ ދުވަހުގެ ރޭ ބޭއްވި ބޮޑު ޖަލްސާއިން ދައްކުވައިދިނީ، އެ ޕާޓީއަކީ ޙަޤީޤީ މެންބަރުން ތިބި ޕާޓީއެއް ކަމަށް ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ. 

ފަލާޙް މިފަދައިން ވިދާޅުވީ، ޕީއެންސީގެ ވެރިކަމުގެ ކާމިޔާބު ދެއަހަރު ފާހަގަކުރުމުގެ ގޮތުން ރޭ އެ ޕާޓީގެ ކޮންގްރެސް ހައުސްގައި ބޭއްވި ޙަފްލާގައި ވާހަކަދައްކަވަމުންނެވެ. 

ފަލާޙް ވިދާޅުވީ ޕީއެންސީން ބޭއްވި ބޮޑު ޖަލްސާއަކީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ބޮޑު ޖަލްސާ ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ޕީއެންސީގައި ތިބީ 3000 މެންބަރުން ކަމަށް ފަލާޙް ވިދާޅުވިއެވެ. މިއަދު އެޕާޓީއަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށް ފަލާޙް ވިދާޅުވިއެވެ. 

"65000 އެތައް މެންބަރުންނެއް ޕީއެންސީއަށް ނިސްބަތްވުން ހިމެނިގެންދަނީ އެމަނިކުފާނުގެ ސިޔާސަތުތަކާ އެމަނިކުފާނުގެ ޒަޢާމަތާ ދޭތެރޭގަ ރައްޔިތުން ރުހިގެންތިބި މިންވަރު" - ޕީޖީ ލީޑަރު އިބްރާހީމް ފަލާޙް

ދެއަހަރުގެ ކާމިޔާބީ ފާހަގަކުރުމަށް ޕީއެންސީން ބޭއްވި ބޮޑު ޖަލްސާގައި އެތައް ހާސް ބަޔަކު ބައިވެރިވިއެވެ. ނޮވެމްބަރު 14 ވަނަ ދުވަހުގެ ރޭ އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޖަލްސާގައި 13000 އަށް ވުރެ މީހުން ބައިވެރިވި ކަމަށެވެ. 

ފަލާޙް ވިދާޅުވީ، އެއްވެސް ޕާޓީއަކަށް ގޮންޖަހަން ބޭނުންނުވާ ކަމަށާއި، އެހެންނަމަވެސް އެވަރުގެ އެއްވުމެއް މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކަށް ބޭއްވިފައިނުވާ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ވެސް އެ ސިޔާސީ ޙަޤީގަތް ޤަބޫލުކުރާކަމަށް ފަލާޙް ވިދާޅުވިއެވެ. 

"އިދިކޮޅު ފަރާތްތަކުން ޕީއެންސީގެ މެންބަރޝިޕާ ދޭތެރޭގަ އެކިއެކި ފާޑުކިޔުންތަކަށް ރައްދު މިދިނީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗު ފުރާލާ، ހަމައެކަނި އެބޭފުޅުންގެ ލޯތްބާއި އޯގާތެރިކަމުން އިދިކޮޅު ފަރާތްތަކަށް މި ދައްކައިދިނީ ޕީއެންސީއަކީ ޙަޤީގީ މެންބަރުން ތިބި ޕާޓީއެއްކަން" - ޕީޖީ ލީޑަރު އިބްރާހީމް ފަލާޙް

ފަލާޙް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު، ޤައުމު އޮތީ ވަރަށް ޙާލުގައި ކަމަށާއި، ރައްޔިތުން އެމަނިކުފާނާ ޤައުމު ޙަވާލުކުރެއްވީ އުއްމީދާ އެކު ކަމަށެވެ. އަދި، މިދިޔަ ދެއަހަރުގެ ތެރޭގައި ހީކުރިވަރަށްވުރެ ފުރިހަމަކޮށް އެމަނިކުފާނު ޚިދުމަތްކޮށްދެއްވައިފި ކަމަށް ފަލާޙް ވިދާޅުވިއެވެ. 

ރައްޔިތުންގެ މަޖިލީސް މިހާރު ހިނގަނީ ތިންބާރު ވަކިވެފައިވާ ނިޒާމެއްގައި ހިނގަންޖެހޭ ގޮތަށް ކަމަށް ފަލާޙް ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ފަލާޙް ފާހަގަކުރެއްވީ ޕީއެންސީގެ މެޖޯރިޓީން ފާސްކުރި ބައެއް ބިލްތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުނުކޮށް އަނބުރާ ފޮނުވާލެއްވުމެވެ. ކުރީގެ ވެރިކަންތަކުގައި މަޖިލިސް ހިނގީ ނުފޫޒުގެ ތެރެއިން ކަމަށް ފަލާޙް ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ އަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ ވެރިއެއް ކަމަށާއި، ރިޔާސީ ވަޢުދުފުޅުތަކުގެ އިތުރުން ވެސް ރަށްރަށުގެ ރައްޔިތުން ހުށަހަޅާފައިވާ ކަންކަން މިހާރު ފައްޓަވާފައިވާކަމަށް ފަލާޙް ވިދާޅުވިއެވެ. 

ކާމިޔާބު ދެއަހަރުގެ ޚާއްޞަ ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ އާއި ވަޒީރުން އަދި މަޖިލިސް މެންބަރުންގެ އިތުރުން ޕީއެންސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު