ENGLISH
10 ނޮވެމްބަރު 2025
ޓްރޭޑްމާކުގެ ބިލަކީ އިންވެސްޓަރުންގެ އިތުބާރު ގާއިމުކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް: ސައީދު
10 ނޮވެމްބަރު 2025
|
އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފޮޓޯ: ސަންގު
މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޓްރޭޑްމާކު ބިލަކީ އުފެއްދުންތެރިންނާއި، ވިޔަފާރިވެރިންނާއި އިންވެސްޓަރުންގެ އިތުބާރު ގާއިމުކުރެވިފައިވާ މާހައުލެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރަށް ވާސިލުވުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމުގައި އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުން ޓްރޭޑް މާކު ބިލު ފާސްކުރުމާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެ ބިލު މިއަދު ފާސްވުމަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ލިބުނު ތާރީހީ ކާމިޔާބެކެވެ.
އެ ގާނޫނުގެ ސަަބަބުން ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުގެ ޓްރޭޑްމާކުތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ފިކުރީ މުދާ ކުރިއަށްވުރެ ބޮޑަށް ހިމާޔަތްކުރެވިގެންދާނެކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖެއާމެދު އިންވެސްޓަރުންގެ ޝައުގުވެރިކަން ދިވެހިރާއްޖެއަށް އިތުރުވުމަށް މަގުފަހިވާނެ ކަމުގައެވެ.
ޓްރޭޑްމާކުގެ ގާނޫނުގެ ދަށުން ޓްރޭޑްމާކުގެ ހައްގު ލިބޭ ފަރާތަށް އެ ފަރާތުން އުފަައްދާ މުދަލަަށް ނުވަތަ ފޯރުކޮށްދޭ ހިދުމަތުގައި ބޭނުންކުރާ ޓްރޭޑްމާކު ބޭނުންކުރުމުގައި ހާއްސަ ހައްގު ނުވަތަ އެކްސްކްލޫސިވް ރައިޓްސް ޔަގީންކުރެވޭނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އިތުރަށް މިނިސްޓަރު ފާހަގަކުރެއްވީ އެކަމުގެ ސަބަބުން އުފެއްދުންތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެ ކަމެވެ.
އޭގެ އިތުރަށް މުދަލާއި ހިދުމަތް ހޯދާ ފަރާތްތައް ނުވަތަ ކޮންޒިއުމަރުންނަށް އޮޅުންއަރާ ގޮތަށް ރަޖިސްޓްރީކުރެވިފައިވާ ޓްރޭޑްމާކުތައް ބޭނުންކުރުން ހުއްޓުވި، ކައުންޓަރފިޓްކުރުން ގާނޫނުގެ ދަށުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމުގައި ސައީދު ވިދާޅުވިއެވެ.
ސައީދު ފާހަގަކުރެއްވި ގޮތުގައި އެ ގާނޫނުގެ ދަށުން ޓްރޭޑްމާކުގެ އިތުރުން ސެޓިފިކޭޓް މާކއި، ކަލެކްޓިވް މާކުވެސް ރަޖިސްޓްރީކުރެވޭނެއެވެ. އަދި މިއީ ފިކުރީ މުދަލުގެ ރައްކާތެރިކަން ހަރުދަނާކޮށް އުފެއްދުންތެރިންނާއި އިންވެސްޓަރުންނާއި ވިޔަފާރިވެރިންގެ އިތުބާރު ލިބިފައި އޮތް މާހައުލެއް ގާއިމުކުރުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމުގައި އެޅިގެންދާ ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި ސައީދު ސިފަކުރެއްވިއެވެ.
މިއަދު ފާސްކުރެވުނު ޓްރޭޑްމާކު ބިލަކީ ރާއްޖޭގެ ތާރީހުގައި ފާސްކުރެވުނު މިފަދަ ފުރަތަމަ ބިލެވެ. އެބިލުގައި ޓްރޭޑްމާކާ ގުޅޭ ޒަމާނީ އުސޫލުތަކާއި ގާނޫނީ ގަވާއިދުތައް ސާފުކޮށް ބަޔާންކޮށްފައިވެއެވެ.