ENGLISH

10 ނޮވެމްބަރު 2025

Advertisement

ފަލަސްޠީނުގެ ޒުވާން ޤައުމީ ޓީމަށް ރާއްޖެއިން ހޫނު މަރުޙަބާއެއް

10 ނޮވެމްބަރު 2025

|

މުޙައްމަދު އަދުހަމް

ފަލަސްޠީން ޒުވާން ޤައުމީ ޓީމަށް ވީއައިއޭ އިން މަރުހަބާ ކިޔުން. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ފަލަސްޠީނުގެ ޤައުމީ ޓީމު މިއަދު މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީ އިން ފަލަސްޠީނުގެ ޒުވާން ޓީމަށް މަރުހަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް، އަހުމަދު ޠާރިޤު އެވެ. މީގެއިތުރުން، ރާއްޖޭގެ ފުޓްބޯޅަ އާއިލާގެ ގިނަ ބަޔަކު ވަނީ ފަލަސްޠީނު ޓީމަށް މަރުހަބާ ކިޔުމަށް އެއަރޕޯޓަށް ގޮސްފައެވެ.

ހަނގުރާމައިގެ ސަބަބުން މުޅިން ހަލާކުވެ ސުންނާފަތިވެފައިވާ ފަލަސްޠީނުގެ ޤައުމީ ޓީމުތަކުން ތަމްރީނުތައް ބާއްވަނީ އެކި ޤައުމުތަކުގަ އެވެ. 

ފަލަސްޠީނުގެ ޒުވާން ޤައުމީ ޓީމުން ރާއްޖެއަށް މިކުރާ ދަތުރަކީ މިމަހުގެ 22 އިން 30 އަށް ތައިލޭންޑްގެ ޗޮންބުރީގައި ފެށުމަށް ހަމަޖެހިފައިވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމުގެ ކުރިން އެމުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގައި ކޭމްޕުކުރުމަށް ކުރި ދަތުރެކެވެ.

އެފްއޭއެމުން ބުނީ، އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ފަލަސްތީނުގެ ޤައުމީ ޓީމް ރާއްޖޭގައި ކޭމްޕް ކުރުމުގެ ފުރުސަތު ދިނީ އެ ގައުމުގެ ފުޓްބޯޅަ އިދާރާގެ އެދުމުގެ މަތީން ކަމަށެވެ.

ފަލަސްޠީން ޒުވާން ޤައުމީ ޓީމަށް ވީއައިއޭ އިން މަރުހަބާ ކިޔުން. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ހަނގުރާމައިގެ ސަބަބުން ފުޓްބޯޅަ ކުޅޭނެ މާޙައުލެއް ނެތުމުގެ ސަބަބުން އެޓީމަށް ރާއްޖޭގައި ކޭމްޕު ކުރުމުގެ ހުއްދަ ދެއްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިންނެވެ.

މި ހުއްދައިގެ ދަށުން އެޓީމުން ރާއްޖޭގައި ފަރިތަކުރުންތައް ބާއްވާއިރު، މިކަމަށް ބޭނުންވާނެ ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުޅިވަރު ވުޒާރާއިން ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުންނެވެ. މި ޓީމުގެ ހުރުމާއި، ކެއުމުގެ ހުރިހާ އިންތިޒާމްތަކެއް ކުޅިވަރު ވުޒާރާ އިން ހަމަޖައްސަވާފައިވާއިރު، ލޮޖިސްޓިކް ހުރިހާ ޚަރަދެއް ބަލަހައްޓާނީ އެފްއޭއެމުންނެވެ. އަދި ޓީމުގެ ދަތުރުފަތުރާއި ސެކިއުރިޓީގެ ކަންކަން ހަމަޖައްސާފަވަނީ ފުލުހުންނާއި އެމްއެންޑީއެފްގެ އެހީތެރިކަމާއެކުއެވެ.

މިދަތުރުގައި 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ޓީމާ ފަލަސްޠީނު ޓީމު ދެމެދު ގަލޮޅު ރަސްމީ ދަނޑުގައި އެކުވެރިކަމުގެ ދެމެޗުވެސް ކުޅުމަށް ހަމަޖައްސާފައިވެއެވެ. މިމެޗުތައް ތާވަލުކޮށްފައިވަނީ މިމަހުގެ 13 އާއި 15 ގައެވެ.

ރާއްޖެއަކީ ފަލަސްޠީނުގެ ޙައްޤުގައި އެންމެ ބޮޑަށް ވަކާލާތު ކުރާ އެއް ޤައުމެވެ. އިޒްރޭލުގެ ޢަމަލުތައް އެންމެ ބޮޑަށް ކުށްވެރިކުރަނީ ވެސް ރާއްޖެ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު