ENGLISH
04 ނޮވެމްބަރު 2025
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދޯހާއަށް ފުރާވަޑައިގެންފި
04 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދޯހާއަށް ފުރާވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް
ޤަތަރުގެ ދޯހާގައި ބޭއްވުމަށް ހަމަޖެހިފައިވާ، "ސެކަންޑް ވަރލްޑް ސަމިޓް ފޯރ ސޯޝަލް ޑިވެލޮޕްމަންޓް" ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު، މިރޭ ފުރާވަޑައިގެންފި އެވެ.
މި ސަމިޓްގައި ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ އިސްވެރިން ބައިވެރިވެވަޑައިގެން އިޖްތިމާޢީ ތަރައްޤީ ކުރިއެރުވުމާއި، ފަޤީރުކަން ނައްތާލުމާއި، ވަޒީފާގެ ބާޒާރު ހަރުދަނާކުރުމާ، ޝާމިލް މުޖްތަމަޢެއް ބިނާކުރުމާބެހޭގޮތުން، މަތީފެންވަރުގެ މަޝްވަރާތަކެއް ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. މި މަޝްވަރާތައް ކުރިޔަށްދާނީ 2030 ވަނަ އަހަރާ ހަމަޔަށް ޙާޞިލުކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ ގުޅުވައިގެންނެވެ.
އދ.ގެ އާންމު މަޖިލީހުން ކަނޑައަޅުއްވާފައިވާ ގޮތުގެމަތިން މިއަހަރުގެ ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ 4 ން 6 ށް ޤަތަރުގެ ދޯހާގައެވެ. އެންމެފަހުން ބޭއްވި ވަރލްޑް ސަމިޓް ފޯރ ސޯޝަލް ޑިވެލޮޕްމަންޓް ބާއްވާފައިވަނީ 1995 ވަނަ އަހަރު ޑެންމާރކުގެ ކޯޕަންހޭގަންގަ އެވެ.
މި ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެން، ބަޔާނެއް ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.