ENGLISH
04 ނޮވެމްބަރު 2025
ކުޅުދުއްފުށީގައި ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާއެއް ހުޅުވައިފި
04 ނޮވެމްބަރު 2025
|
ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާއެއް ހުޅުވުން -- ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް
ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި، ހދ. ކުޅުދުއްފުށި ސިޓީގައި ހަދާފައިވާ ހަނދާނީ ބިނާ، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރަސްމީކޮށް ހުޅުވައިފި އެވެ.
މި ބިނާ ހަދާފައިވަނީ، ޝަހީދު ހުސައިން އާދަމް އެރަށުން އެންމެ ފަހުން ފުރާވަޑައިގެންނެވި، އިހުގެ ބަނދަރު ސަރަޙައްދުގަ އެވެ.
މި ބިނާ ހަދަން ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. މި ބިނާ ފަރުމާކޮށްފައިވަނީ ޝަހީދު ހުސައިން އާދަމް ބޭނުންކުރެއްވި އޭކޭ-47 ބަޑި ރަމްޒުކޮށްދޭ ގޮތަށެވެ. މީގެ އިތުރުން މި ބިނާގައި ޝަހީދު ހުސައިން އާދަމް އެ ދުވަހު ޑިއުޓީގައި ހުންނެވި ގޭޓަށް ވަޒަން އަރާފައި ހުރި ގޮތުގެ ނަކަލެއްވެސް ހިމެނެ އެވެ.
މި ބިނާއިން ދައްކުވައިދެނީ ދިވެހި ގައުމުގެ ދިފާއުފައި ޝަހީދު ހުސައިން އާދަމް ޖިހާދުކުރެއްވުމަށް ގެންގުޅުއްވި ބަޑިއާއި، ދުޝްމަނުންގެ ހަމަލާތަކުން ޝަހީދުވެ ވަޑައިގެން ވެއްޓި ވަޑައިގެންނެވި ތަނެވެ.
މި ބިނާ ފަރުމާކޮށް ހެދުމަށް، ކުޅުދުއްފުށި ސިޓީ ކައުންސިލުން ނުވަ ލައްކަ ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ. މި ބިނާ ހުޅުވައިދެއްވީ ހުސައިން އާދަމްގެ އާއިލީ ބޭފުޅުންނާއި ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފެވެ.
މި ބިނާއިން ރަމްޒުކޮށްދެނީ، ޝަހީދު ހުސައިން އާދަމް ދީނާއި ގައުމަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީ އެވެ. އެ ޤުރުބާނީގެ ހަނދާން އާކޮށް، އެކަމުން އިބްރަތް ލިބިގަތުމަކީ ދިވެހި ކޮންމެ ރައްޔިތަކު ކުރަން ޖެހޭ ކަމެކެވެ.
ނަޞްރުގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ، ނޮވެމްބަރ 3، 1988 ވަނަ އަހަރު ދުޝްމަނުންގެ އަތުން ދިވެހި ސިފައިންނަށް ލިބުނު ނަޞްރު ފާހަގަކުރުމުގެ ގޮތުންނެވެ.