ENGLISH

04 ނޮވެމްބަރު 2025

Advertisement

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ: އެމްޕީއެލްއިން އެތެރޭގެ ތަހުޤީގެއް ފަށައިފި

03 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

ޮކޮޅުވެއްޓި ބަންޑުން ޖަހާލާފައި. ދެމީހަކު މަރުވި ހާދިސާގެ އެތެރޭގެ ތަހުޤީގެއް އެމްޕީއެލްއިން ވަނީ ފަށާފަ

ނޮވެމްބަރު 2 ވަނަ ދުވަހުގެ ހަވީރު މާލޭގެ ވިޔަފާރި ބަނދަރު ސަރަޙައްދާ ދިމާލުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ހިނގި ހިތާމަވެރި ހާދިސާގައި ދެ މީހަކު ނިޔާވިއިރު، އެ މައްސަލައިގެ އެތެރޭގެ ތަހުޤީގެއް ފަށާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ. 

ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގައި 14 މީހުން ތިއްބެވެ. ހާދިސާގައި އަނިޔާވެގެން 6 މީހަކަށް ފަރުވާދޭން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައެވެ. ފަރުވާދެމުން ދަނިކޮށް އިއްޔެ ހަވީރު ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ނިޔާވެފައެވެ. އެއީ އެމްޕީއެލްގެ ލޭބަރާއެއްގެ މަގާމުގައި ހުރި 32 އަހަރުގެ މަސޫދު ހޮސެއިންއެވެ. 

ހާދިސާގައި ރޭ ދަންވަރުގެ ވަގުތެއްގައި ނިޔާވީ ދިވެއްސެކެވެ. އެއީ ގއ. ގެމަނަފުށީ، ދިލްބަހާރުގޭ، އުމުރުން 25 އަހަރުގެ އަލީ އަފްލާހު އަބްދުﷲ އެވެ. ނިޔާވިިއިރު އަފްލާހު ވެސް ހުރީ ލެބަރާއެއްގެ މަޤާމުގައެވެ. 

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން، އެމްޕީއެލްއިން މިއަދު އާއްމުކުރި ބަޔާނުގައި ބުނީ، ކުންފުނީގެ ކަމާބެހޭ ޑިޕާޓްމަންޓުތަކުން އެ މައްސަލައިގެ އެތެރޭގެ ތަހުޤީގެއް ފަށާފައިވާ ކަމަށެވެ. އަދި ތަހުޤީގުން އެނގޭ މަޢުލޫމާތަށް ރިޢާޔަތްކޮށް އިތުރު މަޢުލޫމާތު އާއްމުކުރަމުން ގެންދާނެކަމަށް އެމްޕީއެލްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޕީއެލްގެ ބަޔާނުގައި ވަނީ ހިތާމަވެރި ހާދިސާގައި ނިޔާވި ދެ މުވައްޒަފުންގެ ޢާއިލާއަށް، އެ ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ތަޢުޒިޔާ ދަންނަވައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު