ENGLISH

29 އޮކްޓޯބަރު 2025

Advertisement

ދައުލަތުގެ އެންމެ މަތީ ވެރިއަކަށް ހުންނަވައި ރައީސް ދައްކަވަނީ ނަމޫނާ ޚިދުމަތުގެ މިސާލެއް: ނާއިބު ރައީސް

28 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ އަދި އެމަނިކުފާނުގެ ނާއިބު. --ފޮޓޯ: ރައީސް އޮފީސް

ދިވެހި ދައުލަތުގެ އެންމެ މަތީވެރިއަކަށް ހުންނަވައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ދައްކަވަމުން ގެންދަވަނީ ނަމޫނާ ޚިދުމަތުގެ މިސާލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޤައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ރެކޯޑް މުއްދަތެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޒިޔާރަތްކުރައްވައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ތާރީޚީ ކާމިޔާބީއެއް ޙާޞިލުކުރައްވާފައިވާތީ އެކަން ފާހަގަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ޕޯސްޓްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ރައްޔިތުންނާ ގާތުން ޚިދުމަތް ކުރެއްވުމުގެ ވަރުގަދަ އަޒުމްފުޅުގައިކަން ފާހަގަކުރެއްވި އެވެ.

އަދި ވިދާޅުވީ މިއަދު ކ.މތުލުސްދޫއަށް އެމަނިކުފާނު ކުރެއްވި ޒިޔާރަތާއެކު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ވެރިކަމުގެ ފުރަތަމަ ދައުރުގައި އެމަނިކުފާނަށް ވަނީ ޒިޔާރަށް ކުރެއްވިފައި ކަމަށެވެ.

"... މިހާ އަވަސް މުއްދަތެއްގެ ތެރޭގައި އެހެން ވެރިއަކު މި ލަނޑުދަނޑި ހާސިލްކުރައްވައިފައެއް ނުވޭ. މީގެ އިތުރުން އެމަނިކުފާނު އެގެންދަވަނީ މީގެން ކޮންމެ ރަށެއްގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި، ސަރުކާރުގެ އިދާރާތަކުގެ މަސައްކަތް ގާތުން ބައްލަވައި، އެތައް ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ފައްޓަވައިދެއްވާ، އަދި ބައެއް މަސައްކަތްތައް ހަލުވިކަމާއެކު ނިންމަވައި އިފްތިތާހުކޮށްދެއްވަމުން،" ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވި އެވެ.

ނައިބް ރައީސް އަދި ވިދާޅުވީ ދިވެހި ދައުލަތުގެ އެންމެ މަތީވެރިއަކަށް ހުންނަވައި އެމަނިކުފާނު މިއަދު ދައްކަވަމުން އެ ގެންދަވަނީ ނަމޫނާ ޚިދުމަތުގެ މިސާލެއް ކަމަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، އެންމެ 1 އަހަރާ 11 މަސްދުވަހުގެ ތެރޭގައި ދަތުރުފުޅުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ މި ތާރީޚީ ކާމިޔާބު ޙާޞިލުކުރައްވާފައި މިވަނީ، ފާދިއްޕޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާއި، މާލެއަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި، މާލެ އަތޮޅު ތުލުސްދޫއަށް މިއަދު މެންދުރު ވަޑައިގަތުމާއެކުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކ. ތުލުސްދޫއަށް މިއަދު ކުރެއްވި ޒިޔާރަތާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި ސިޓީތަކަށް، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 1 އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި މިވަނީ ވަޑައިގެންފައެވެ. މި މުއްދަތުގައި އެމަނިކުފާނު ވަނީ 63 ރަށަކަށް ދެވަނަ ފަހަރަށްވެސް ޒިޔާރަތްކުރައްވާފައެވެ.

ދިވެހި ރިޔާސީ ތާރީޚުގައި، ޤައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެންމެ ފަހުން ރައީސަކު ޒިޔާރަތްކުރެއްވީ މީގެ 42 އަހަރު ކުރިންނެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެންމެ 23 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަކީ، މި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ހަލުވި ދުވެލީގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ސާފު ހެއްކެކެވެ.

ކިޔުންތެރިންގެ ހިޔާލު