ENGLISH
29 އޮކްޓޯބަރު 2025
ދިއްފުށީ އައު އިންޖީނުގެ ހުޅުވައިދެއްވައި، ބިން ހިއްކުން ހިމެނޭހެން މުހިއްމު މަޝްރޫއުތަކެއް ފަށަައިފި
28 އޮކްޓޯބަރު 2025
|
ދިއްފުށްޓަށް ރައީސް ޑރ.މުޢިއްޒު ވަޑައިގަތުމުން އެ ރަށުން މަރުހަބާ ދެންނެވުން، ފޮޓޯ: ރައީސް އޮފީސް
ކ. ދިއްފުށީގައި ގާއިމުކޮށްފައިވާ ސްޓެލްކޯގެ އައު އިންޖީނުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައި، އެ ރަށުގެ ބިން ހިއްކުން ހިމެނޭ ގޮތަށް މުހިއްމު މަޝްރޫއުތަކެއް ފައްޓަވައިދެއްވައިފިއެވެ.
ކ.އަތޮޅުގެ މީހުން ދިރިއުޅޭ ބައެއް ރަށްތަކަށް ކުރައްވަމުންދާ ޒިޔާރަތުގެ ތެރެއިން ރައީސް ދިއްފުއްޓަށް މިއަދު ވަޑައިގެންނެވުމުން އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިއްފުށީގައި ސްޓެލްކޯއިން ގާއިމުކުރި އެ ކުންފުނީގެ އައު އިންޖީނުގެ އިފުތިތާހުކޮށްދެއްވައި އެ ތަނުގެ ހިދުމަތް ފައްޓަވައިދެއްވީ އެމަނިކުފާނެވެ.
އޭގެ އިތުރަށް އެ ރަށަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދުމުގެ ގޮތުން ސަރުކާރުން ހިންގަން ނިންމާފައިވާ މުހިއްމު ބައެއް ތަރައްގީގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވެއެވެ. އެގޮތުން އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ.
އޭގެ އިތުރަށް ދިއްފުށީގައި ގާއިމުކުރާ ވޭސްޓް މެނޭޖުމެންޓު ސެންޓަރުގެ އަމަލީ މަސައްކަތްވެސް މިއަދު ފަށާފައިވެއެވެ. އެ މަސައްކަަތް ފައްޓަވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގު އިބްރާހީމެވެ. އަދި އިތުރު ރަސްމިއްޔާތެއްގައި އެ ރަށުގެ ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ ބިންގާ އަޅުއްވައި އަމަލީ މަސައްކަތް ފައްޓަވާފައިވެއެވެ. އެ މަސައްކަތް ފެއްޓެވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމެވެ.
ދިއްފުށީ ސްކޫލަށް އައު އިމާރާތެއް އިތުރުކޮށް ހަތަރު ކްލާސްރޫމާއި، މަލްޓި ޕާޕޯސް ހޯލާއި، ސައެންސް ލެބުގެ އިތުރަށް ސެންް ކްލާސްރޫމް އިތުރުކުރުމުގެ އަމަލީ މަސައްކަތްވެސް މިއަދުވަނީ ފަށާފައެވެ. އެ މަސައްކަތް ފައްޓަވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއެވެ.
ރައީސް ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ރިޔާސީ އިންތިހާބުގައާއި އޭގެ ފަހުން ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި އެ ރަށްރަށުގައި ކުރިއަށްގެންދަވަން އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް އަންނަނީ ފަށަމުންނެވެ.