ENGLISH
26 އޮކްޓޯބަރު 2025
"ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރުން: ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް އެޅި ހަރުދަނާ ނިންމުމެއް
26 އޮކްޓޯބަރު 2025
|
ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
"ޖެނެރޭޝަނަލް ބޭން" އަށް އަމަލު ކުރުމަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރެއްވުން ވެގެންދިޔައީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން އެޅި ހިތްވަރުގަދަ ފިޔަވަޅަކަށެވެ.
ބޮޑު ނުރައްކަލަކުން ޖީލެއް ސަލާމަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަޞްދީޤުކުރެއްވީ 2025 މެއި 21 ވަނަ ދުވަހެވެ. ޤާނޫނަށް ގެނައި އިޞްލާޙަށް 2025 ނޮވެމްބަރު 1 ވަނަ ދުވަހު ޢަމަލުކުރަން ފަށާއިރު، އެއީ ޖީލުތަކަށް ދެމިގެންދާނެހެން ދިވެހި ސަރުކާރުން ތަންފީޒުކުރަން ފަށާ އެންމެ ހަރުދަނާ އެއް ފިޔަވަޅެެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް އެ އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަގެވެ. އެ އިޞްލާހު ފާސްކުރީ 2025 ވަނަ މެއި 13 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 63 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
ޖެނެރޭޝަނަލް ބޭންގެ މުހިއްމު ބޮޑު ނިންމުމާއެކު، ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ އޮތަސް، 2007 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ ކުއްޖަކު އަދި އުމުރުން 21 އަހަރުން ދަށުގެ މީހަކު ނޫންކަން ކަށަވަރުކުރަން ޖެހެއެވެ. އަދި، ހުއްދައާ އެކު ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކާއިރު ޤާނޫނުގައި ބުނާ އުމުރު ކަށަވަރުކުރުމަކީ އެ ވިއްކާ މީހެއްގެ ޒިންމާއެކެވެ. އިޞްލާހުގައިވާ ގޮތުން، ދުންފަތުގެ ބާވަތެއް ގަންނަނީ އުމުރަށް ފެތޭ މީހެއް ނޫންކަމަށް ބެލެވޭނަމަ، އެމީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އުމުރު އަންގައިދޭ އެހެނިހެން ލިޔުމެއް ދައްކައިގެން ކަށަވަރުކުރަންޖެހޭނެއެވެ.
ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
ޖެނެރޭޝަނަލް ބޭން ވެގެންދާނީ އާންމު ޞިއްޙަތުގެ ރައްކާތެރިކަމަށް އެޅިގެންދާނެ ހަރުދަނާ މުހިއްމު ފިޔަވަޅަކަށެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ސްޓެޕް ސަރވޭއިން ދައްކާ ގޮތުގައި، ދިވެހިރާއްޖޭގައި 15 އަހަރާއި 65 އަހަރާ ދެމެދު ކޮންމެ 4 މީހަކުން އެކަކު ދުންފަތުގެ އިސްތިޢުމާލުކުރެއެވެ. ތަފާސްހިސާބަށް ބަލާއިރު އެއީ މުޅި އާބާދީގެ 23 އިންސައްތަ މީހުންނެވެ. އޭގެތެރޭގައި 35.6 އިންސައްތަ ފިރިހެނުން ހިމެނޭއިރު 7.6 އިންސައްތައަކީ އަންހެނުންނެވެ.
ދުންފަތުގެ އެ ބިރުވެރިކަން ދާއިމީ ބަލިތައް ގިނަވުމާއި ނުކުޅެދުންތެރިކަމާއި ވެސް ވަނީ ގުޅިފައެވެ. އެގޮތުން ސްޓެޕް ސާވޭއިން ދެއްކި ގޮތުގައި ރާއްޖޭގައި ދާއިމީ ބަލިތަކާއި ނުކުޅެދުންތެރިކަމުގެ މައިގަނޑު ސަބަބަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމެވެ.
އާންމު ޞިއްޙަތުގެ ރައްކާތެރިކަން ކަށަވަރުކުރެވިގެންދާއިރު، އެއީ ޒުވާނުން ދުންފަތަށް ދެވިހިފުން ހުއްޓުވައި ދުންފަތުގެ އިސްތިޢުމާލުނުކުރާ ޖީލެއް އުފެދިގެންދާނެ ސަބަބެއްކަން ޔަގީނެވެ.
"މި ބިލު، މި ޤާނޫނަކަށް ވެގެން، ދެން މިޤައުމުގައި މި ޤާނޫނު ތަންފީޒުކުރެވޭހާ ދުވަހަކު، ކުރިއަށް އޮތް ޖީލުތައް ސަލާމަތް އެބަ ކުރެވޭ. ކުރިއަށް އުފަންވާން ތިބި ހުރިހާ ކުދިން، މި ޤާނޫނުގެ ތެރެއަށް އެބަ ވަދޭ. މަނާވާނެ. އެހެންވީމާ، ވަކި ހިސާބަކުން، އަހަރުތަކެއް ފަހުން، މުޅި ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވެފައިވާ ތިބި މުޖުތަމަޢެއް އޮންނާނީ" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، 2025 މެއި 21
ރާއްޖޭގެ މިހާރުގެ އާބާދީގެ 30.1 އިންސައްތަ މީހުންނަކީ 2007 ވަނަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން އުފަންވެފައިވާ މީހުންނެވެ. މީގެ 29 އަހަރު ފަހުން އެ ނިސްބަތް 45 އިންސައްތައަށް ބޮޑުވާނެއެވެ. މާނައަކީ 2054 ވަނަ އަހަރު ރާއްޖޭގެ އާބާދީގެ އުމުރުން 47 އަހަރުގެ ދަށުގެ އެންމެންނަކީ ދުންފަތް ބޭނުންކުރުން މަނާ މީހުންނެވެ.
މި ހުރިހާ ކަމަކަށް ބަލާއިރު، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތަށް، އަހަރުތަކެއް ފަހުން މުޅި ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށް އެޅިގެންދާނެ ހިތްވަރުގަދަ ފިޔަވަޅެކެވެ.