ENGLISH
23 އޮކްޓޯބަރު 2025
އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރަން އިތުރު ޖަނަރޭޓަރުތަކެއް ގެންދަނީ
23 އޮކްޓޯބަރު 2025
|
އައްޑޫއަށް ބަނދަރުކޮށްފައިވާ 1.6 މެގަވޮޓުގެ ޖަނަރޭޓަރު. އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން އިތުރު ޖަނަރޭޓަރުތަކެއް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުން. ފޮޓޯ: ފެނަކަ
އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އެ ސިޓީއަށް އިތުރު ޖަނަރޭޓަރުތަކެއް ގެންދަން ނިންމާފައިވާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކޮށްފައިވާ މީސްމީޑިއާ ޕޯސްޓުގައި ބުނީ އެ ސިޓީއަށް ގެންދަން ނިންމާފައިވާ 1.8 މެގަވޮޓުގެ އާ ދެ ޖަނަރޭޓަރު ހިފައިގެން އައި އުޅަނދު މިހާރު މާލޭ ބަނދަރަށް ވަދެފައިވާ ކަމަށެވެ.
ފެނަކައިން ބުނީ އާ ދެ ޖަނަރޭޓަރާ އެކު އިތުރު ޖަނަރޭޓަރެއް ވެސް އައްޑޫގައި ބަހައްޓާނެ ކަމަށެވެ. އެގޮތުން 1.6 މެގަވޮޓުގެ އެ ޖަނަރޭޓަރު މިހާރު ވަނީ އައްޑޫ ސިޓީއަށް ބަނދަރުކޮށްފައެވެ. އެ ޖަނަރޭޓަރު ބޭލުމުގެ މަސައްކަތް މިއަދު ކުރާނެކަމަށް ފެނަކައިން ބުނެފައިވެއެވެ.
އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން މިއަހަރުގެ މާރިޗު މަހު ވެސް ފެނަކައިން ވަނީ 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެންގޮސްފައެވެ. އަދި، އަހަރުގެ ކުރީކޮޅު ވެސް ޖަނަރޭޓަރެއް އައްޑޫ ސިޓީއަށް ގެންދިޔައެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ޚިދުމަތް ފޯރުކޮށްދޭ ޖަނަރޭޓަރުތަކަށް މައްސަލަ ދިމާވީ އައްޑޫގެ ސެންޓްރަލް ޕަވަރ ސްޓޭޝަނުގައި ބޭނުން ކުރަމުންދާ ޖަނަރޭޓަރުތައް ޤަވާއިދުން މަރާމާތު ނުކުރުމުގެ ސަބަބުންނެވެ. އެހެންނަމަވެސް، އެމައްސަލަ ގާތުން ބަލައި މުޅި އައްޑޫ ސިޓީއަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި މިހާރު އަންނަނީ ވަސީލަތްތައް އިތުރުކުރަމުންނެވެ.