ENGLISH
24 އޮކްޓޯބަރު 2025
ސެންޓޭގެ ހެޓްރިކާއެކު ވިކްޓްރީ ބަލިކޮށް ނިއު އެއްވަނަ އަށް
21 އޮކްޓޯބަރު 2025
|
ވިކްޓްރީ ކޮޅަށް ލަނޑުޖެހުމަށްފަހު ނިއުގެ ސެންޓޭ އުފާ ފާޅުކުރަނީ. --ފޮޓޯ: މިހާރު
"ރަސްވާދަ"އިގެ ނަމުގައި ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ކުޅުނު ބޮޑު މެޗުގައި އަލީ ފާސިރު (ސެންޓޭ) ގެ ހެޓްރިކާއެކު ނިއު ރޭޑިއަންޓުން 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ވިކްޓްރީ ބަލިކޮށްފިއެވެ.
މިއީ 2018 ވަނަ އަހަރުގެ ފަހުން، ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓްރީ އާއި ނިއުގެ ފުރަތަމަ ކުރިމަތިލުމެވެ. އެހެންނަމަވެސް، އޭގެފަހުން ދެވަނަ ޑިވިޝަނުގައި މި ދެ ޓީމު ވަނީ ދެފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ސެންޓޭ ވަނީ ނިއު އަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފައެވެ. އެގޮތުން، މެޗުގެ ހަތްވަނަ މިނެޓުގައި ކައުންޓައެޓޭކެއްގައި ހަސަން ރާއިފް އަހުމަދު (ހަންނަ) ދިން ބޯޅައަކުން ސެންޓޭ ވަނީ ނިއުގެ ފުރަތަމަ ލަނޑު ޖަހައިދީފައެވެ.
އޭގެފަހުން، މެޗުގެ 13 ވަނަ މިނެޓުގައި ސެންޓޭ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މި ގޯލާއެކު ނިއު އިން މި ހާފު ނިންމާލީ ދެ ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ނިއުގެ ތިންވަނަ ލަނޑު ޖަހައިދިނީ ވެސް ސެންޓޭ އެވެ. އޭގެފަހުން، މެޗު ނިމެން 11 މިނެޓަށްވެފައިވަނިކޮށް، އަހުމަދު ހުޝާމް (ހުޝާންކޮ) ވަނީ ސެންޓޭ ދިން ބޯޅައެއްގެ އެހީގައި ހަތަރުވަނަ ލަނޑު ޖަހައިފައެވެ.
މި ނަތީޖާއާއެކު، ނިއު ވަނީ ހަތަރު މެޗުން 12 ޕޮއިންޓް ހަމަކޮށް، އެއްވަނައިގައި އުޅޭ މާޒިޔާއާ އެއްވަރުކޮށްފައެވެ. ނިއު އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. އެއީ މާޒިޔާ އަށް ވުރެ ފައިދާ އެއް ގޯލު އިތުރުވުމުންނެވެ. މިހާތަނަށް ކުޅުނު ހަތަރު މެޗުގައި ވެސް ނިއު ކޮޅަށް ލަނޑެއް ނުވަދެއެވެ. ތިންވަނައިގައި އޮޑި ސްޕޯޓްސް އޮތީ 10 ޕޮއިންޓާއެކު އެވެ. ހަތަރެއްގައި ބުރު ސްޕޯޓްސް ކުލަބު އުޅެނީ ހަތް ޕޮއިންޓާއެކު އެވެ.
މި މެޗުން ބަލިވުމާއެކު، ވިކްޓްރީ އަށް ފުރަތަމަ ހަތަރު މެޗުން ލިބިފައިވާ ތިން ޕޮއިންޓާއެކު އޮތީ ހަތްވަނައިގައެވެ.