ENGLISH
21 އޮކްޓޯބަރު 2025
ބިލްތަކަށް ފައިސާ ދައްކާނީ ފައިސާ ޗާޕުނުކޮށް: ރައީސް
21 އޮކްޓޯބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވާހަކަފުޅު ދައްކަވަނީ --
ނޮވެމްބަރު 17, 2023 ގައި ސަރުކާރު ހިންގުމާ ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައް ހާސް ބިލުތަކަށް ފައިސާދީ ޚަލާސްކުރާނީ ފައިސާ ޗާޕުނުކުރައްވައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މި ސަރުކާރުގެ ވައުދާއި ޚިލާފަށް ފައިސާ ޗާޕުކުރަން ނިންމާފައިވާ ކަމަށް ބުނެ އިދިކޮޅު މައި ޕާޓީ -- އެމްޑީޕީން ދޮގު ވާހަކަތަކެއް ފަތުރަމުންދާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.
ހައްދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދު ހަރުދަނާކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، "ފުނިޖެހިފައިވާ" އެތައް ބިލުތަކަކަށް ފައިސާ ދެއްކެވުމުގެ ކަންކަން، ކުރިއަށް ގެންދަވާނީ އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ފައިސާ ޗާޕުނުކުރައްވައި، ކަމަށެވެ.
އަދި ވިދާޅުވީ ފަތުވެރިކަމުގެ ދާއިރާ އާއި، މަސްވެރިކަމުގެ ދާއިރާ އާއި، ކޮންސްޓްރަކްޝަންގެ ދާއިރާ ކުރިއެރުވުމަށް އެތައް މަސައްކަތެއް ސަރުކާރުން ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރައްވައި، އެމަނިކުފާނު ވަނީ، ކުރިއަށް އޮތް މަދުދުވަސްކޮޅުގެ ތެރޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރައްވާ އަމިއްލަ ކުންފުނިތަކަށް ސަރުކާރުގެ މަސައްކަތްތަކެއް ލިބި، ކުރިއަށް އޮތީ ރައްޔިތުންގެ އަތްމަތި ތަނަވަސް ވެގެންދާނެ ދުވަސްތަކެއް ކަމުގައި ހާމަކުރައްވާފަ އެވެ.
ނޮވެމްބަރު 17, 2023 ގައި ސަރުކާރު ހިންގުމާ ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައް ހާސް ބިލުތައް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ ދައްކާ ނިންމާނެ ތާރީޚެއް ރައީސް ވަނީ ކަނޑައަޅުއްވާފަ އެވެ.
ދިވެހި ވިޔަފާރިތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ކުންފުނިތަކުން ކޮށްފައިވާ މަސައްކަތްތަކަށް ފައިސާ ނުދީ ހުރުމެވެ.
މިދިޔަ ސަރުކާރުގައި އެތައް ކުންފުންޏަކަށް އެ ޙާލަތު މެދުވެރިކުރުވި އެވެ. އަދި ކުންފުނިތައް ލައްވާ މަސައްކަތް ކުރުވުމަށް ފަހު ފައިސާ ނުދީ ހިފަހައްޓާފައި އޮތުމުގެ ސަބަބުން ވަރަށް ގިނަ ކުންފުނިތަކެއް ވަނީ ބަނގުރޫޓް ވުމާއި ހަމައިގަ އެވެ.
އެ ވިޔަފާރިތަކުގެ އަޑު އަހާ ވީހާވެސް އަވަހަށް އެ މައްސަލަތައް ހައްލުކޮށް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.