ENGLISH

21 އޮކްޓޯބަރު 2025

Advertisement

ފޮނަދޫއަށް ތަަރައްޤީގެ ގިނަ މަޝްރޫޢުތަކެއް؛ ރައީސް ދެއްވެވީ ނިންމަވާނެ ކަމުގެ ޔަޤީންކަން

21 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ފޮނަދޫގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން --

ހައްދުންމަތީ ފޮނަދޫގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަވަން ނިންމަވާ އެކަމާއި ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ, ހައްދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ފޮނަދޫގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ.

އެގޮތުން ފޮނަދޫގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސް އިމާރާތްކުރުމުގެ އެއްބަސްވުމާއި، ފޮނަދޫގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލޭންގުއެޖް ސްކޫލް އިމާރާތްކުރުމުގެ މަޝްރޫޢާއި، ފޮނަދޫގައި އޮފީސް ކޮމްޕްލެކްސް އެއް އިމާރާތްކުރުމުގެ މަޝްރޫޢާއި، ފޮނަދޫ ބަނދަރު ހެދުމުގެ މަޝްރޫޢާއި، ފޮނަދޫ މަގުހެދުމުގެ ތިންވަނަ ފިޔަވަހީގެ އިތުރުން ފޮނަދޫގައި ސްޕޯޓްސް ކޮމްޕްލެކްސް އެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފަ އެވެ.

މި މަޝްރޫޢުތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއިން ކޮންމެ މަޝްރޫޢަކުން ރަށުގެ އިތުރުން މުޅި އަތޮޅާއި ސަރަހައްދުގެ ހުރިހާ ރަށަކަށް އެކަމުގެ ފައިދާ ލިބިގެންދާނެކަމަށެވެ. އެގޮތުން ލެންގުއެޖް ސްކޫލުން ޓޫރިޒަމަށް ޚާއްޞަކޮށްގެން ތަފާތު ބަސްތައް ކިޔަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. ސްޕޯޓްސް ކޮމްޕްލެކްސް ހަދާނީ 1200 މީހުންނަށް ތިބެވޭނެ ޖާގައާއި އިންޑޯ ހުރިހާ ކުޅިވަރެއް ކުޅެވޭގޮތަށް، މާލޭގައި ހުންނަ ސޯޝަލް ސެންޓަރު ހުންނަ ފެންވަރަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަމިއާއި އެކު މަގުހެދުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހި ނިމިގެންދާއިރު ރަށުގެ ހުރިހާ މަގެއް ހެދޭނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

މީގެއިތުރުން ފޮނަދޫގައި އައްސޭރި ޓޫރިޒަމް އަދި އިކޯ ޓޫރިޒަމް ކުރިއެރުވުމަށް، މަސައްކަތް ކުރިއަށް ދާކަމަށާއި، ރަށުގައި އެޅުމަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ 500 ހައުސިންގް ޔުނިޓްގެ ތެރެއިން 100 ހައުސިންގް ޔުނިޓްގެ މަސައްކަތް ބަޔަކާއި ޙަވާލުކުރެއްވުމުގެ ކަންކަން ކުރިއަށް ދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މީގެ އިތުރުން ފޮނަދޫގައި ސަޢުދީ ފަންޑްގެ ދަށުން 50 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ނިންމަވާފައިވާ ކަންވެސް އެ މަނިކުފާނު ހާމަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު