ENGLISH
16 އޮކްޓޯބަރު 2025
ޑާކްރެއިންގެ "އަލިފާން" ވަދާޢީ ޝޯއަށް ދާއިރު އެންމެން ބުނަނީ މިއީ "މާސްޓަޕީސް"އެކޭ
15 އޮކްޓޯބަރު 2025
|
އަލިފާންގެ މެއިން ޕޯސްޓަރު --
ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯ -- ޑާކްރެއިން އެންޓަޓައިމަންޓްގެ އާ ފިލްމް "އަލިފާން" ގެ ޝޯތައް މި މަހުގެ ހަވަަނަ ދުވަހުން ފެށިގެން އޮލިމްޕަހުގައި ދަނީ ދައްކަމުންނެވެ. ވަދާޢީ ޝޯ އޮތީ މި މަހުގެ 19 ވަނަ ދުވަހު އެެވެ.
ހައުސްފުލް ޝޯ ތަކެއް ދައްކަމުންދާއިރު މި ފިލްމު ބެލި އެންމެން ވެސް އިއްތިފާޤުވާ އެއް ކަމެއް އެބަ އޮތެވެ. އެއީ މިހާތަނަށް ސިނަމާއަށް އައި އެންމެ މޮޅު އެއް ފިލްމު ކަމެވެ. ޓެކްނިކަލީ މިވަރުގެ މޮޅު ދިވެހި ފިލްމެއް އަދި ބަލާފަ ނުވާ ކަމެވެ. މިއީ ދިވެހިން އުފެއްދި ފިލްމެއްތޯ ވެސް ސުވާލު ކުރާ މީހުން މަދެއް ނޫނެވެ. އެއީ މި ފިލްމު މާބޮޑަށް ތަފާތުވެފައި މޮޅުވީމަ އެވެ.
ފިލްމުގެ ވާހަކަ މޮޅެވެ. ވަރަށް މޮޅެވެ. އެކްޓަރުންގެ ހުނަރު އެ ހުރީ އެހެން ލެވެލްއެއްގަ އެވެ. ފިލްމުގެ ބައެއް މަންޒަރުތައް ގެނެސްދީފައިވަނީ މިހާތަނަށް ދިވެހި ފިލްމެއްގައި މަންޒަރުތައް ނުގެނެސްދޭހާ މޮޅަށެވެ. ފުރިހަމަ ކޮށެވެ.
އެކަން ފިލްމު ބެލި މީހުންގެ ކޮމެންޓްތަކުން އެ ހުރީ ފެންނާނެ އެވެ. މިއީ ބަޔަކު ހަދަހަދައިގެން ދައްކާ ވާހަކަތަކެއް ނޫނެވެ. މީހަކަށް / ބަޔަކަށް އެކަން ޤަބޫލު ނުކުރެވުނެއް ކަމަކު ބެލުންތެރީންގެ ބަސް އެ އޮތީ އިއްވާފަ އެވެ. ހަޤީޤަތުގައިވެސް ޑާކްރެއިންގެ "އަލިފާން" މިވީ މާސްޓަޕީސް އަކަށެވެ.
ފިލްމާމެދު އެއްޗެއް ބުނާ ކޮންމެ މީހަކަށްވެސް ފުރަތަމަ ބުނެވޭނީ މި އިބާރާތެވެ. އެއީ އެހާވެސް މި ފިލްމު ތަފާތީ އެވެ. މޮޅީ އެވެ. ޓެކްނިކަލީ މާ މޮޅީ އެވެ.
މިހާތަނަށް މި ފިލްމު ބެލި އެންމެވެސް އެކަމަށް އިއްތިފާޤުވެ އެވެ. ބައެއް މީހުންގެ ނަޒަރުގައި ދިވެހި ފިލްމް އިންޑަސްޓްރީ ޑާކްރެއިން އިން ގެންގޮސްދިން ލެވެލް މި ފިލްމުން ވަޒަން ކޮށްލެވެ އެވެ. ދިވެހި ފިލްމީ އުފެއްދުންތަކުގެ ފެންވަރު މޮޅުކަން މި ފިލްމުން ސާބިތުކޮށްދީފި އެވެ.
"މިސާލަކަށް މަޖޫ އަށް ހަމަލާދޭ މަންޒަރު. އެންމެ ފަހު ސީންގައި ފިލްމުގެ މައިގަނޑު ކާސްޓް މަރާލާ މަންޒަރު. ފިލްމުގެ އެކްޝަން މަންޒަރުތައް. މިހެން ގޮސް ކިޔާނެ ކަމެއް ނެތް. މިއީ ހަމަ މާމޮޅު ފިލްމެއް,"
"އަލިފާން" ދައްކަން ޑާކްރެއިންއަށް އޮލިމްޕަސް ލިބުނު މުއްދަތު ހަމަވަނީ އެވެ. އެހެން ކަމުން ފިލްމުގެ ވަދާޢީ ޝޯ މި މަހުގެ 19 ވަނަ ދުވަހު ދެއްކުމަށް މިހާރު ވަނީ ނިންމާފަ އެވެ.
ފިލްމު އެ ތާރީޚުގައި ނަގަނީ ޔޫސުފް ޝަފީޢުގެ އައު ފިލްމަށް ފުރުސަތު ދޭށެވެ. އެހެންވީމަ ބާކީ ދެން އޮތީ ހަތަރު ޝޯ އެވެ. ފިލްމު ނުބަލާ ބަޔަކު ތިބިނަމަ އަވަހަށް ޓިކެޓް ނަގާށެވެ. މިއީ ކޮންމެހެން ބަލާލަން ޖެހޭ "މާސްޓަޕީސް" އެކެވެ.