ENGLISH
15 އޮކްޓޯބަރު 2025
މިލަންދޫ އިސްލާމީ މަރުކަޒާއި ހޮސްޕިޓަލް އަދި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި
15 އޮކްޓޯބަރު 2025
|
މިލަންދޫގައި އަލަށް އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ފެށުން. ފޮޓޯ: ރައީސް އޮފީސް
ށ. މިލަންދޫގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން އެރަށުގައި އިމާރާތްކުރާ އިސްލާމީ މަރުކަޒާއި، ހޮސްޕިޓަލް އަދި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިލަންދޫއަށް ވަޑައިގެން މުހިއްމު ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވައި ބައެއް މަޝްރޫޢުތަކުގެ ނިމުން ވަނީ ފާހަގަކުރައްވާފައެވެ.
މިލަންދޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އެރަށުގައި ތަރައްޤީކުރާ ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިން މޫސާ ޒަމީރެވެ. އަދި، މިލަންދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން އެވެ.
މިލަންދޫގައި ސަރުކާރުން ތަރައްޤީކުރާ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތުގެ ބިންގާ އެޅުން. ފޮޓޯ: ރައީސް އޮފީސް
ސަރުކާރުން މިލަންދޫގައި ތަރައްޤީކުރި ފުޓްސަލް ކޯޓާއި ވޮލީބޯޅަ ކޯޓު މިއަދު ވަނީ ރަސްމީކޮށް ހުޅުވައިފައެވެ. ފުޓްސަލް ކޯޓާއި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މިލަންދޫގައި ސަރުކާރުން ހިންގާ އެންމެ ބިޔަ މަޝްރޫޢަކީ އެރަށުގައި އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢެވެ. އެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމާއި އެއާޕޯޓް ތަރައްޤީކޮށް އޮޕަރޭޓް ކުރުމަށް ޙަވާލުކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު މިއަދު ވަނީ އެއާޕޯޓުގެ އަމަލީ މަސައްކަތް ވެސް ފަށައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ބިލެތްފަހީގެ އިތުރުން ކޮމަންޑޫގައި ވެސް އެއާޕޯޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށް އަމަލީ މަސައްކަތް ވަނީ ފަށައިފައެވެ.