ENGLISH

16 އޮކްޓޯބަރު 2025

Advertisement

އުރީދޫގެ ސީއީއޯ، މިނިސްޓަރ ސަޢީދު ބައްދަލު ކުރައްވައިފި

15 އޮކްޓޯބަރު 2025

|

ހަސަން އާމިރު

އުރީދޫ ގްރޫޕުގެ ސީއީއޯ އަޒީޒް އަލް އުސްމާން ފަޚްރޫއާ، ވިޔަފާރި އާއި އިގްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ބައްދަލު ކުރައްވައިފި އެވެ.

އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ ސައީދު ވަނީ ޑިޖިޓަލް އިކޮނޮމީއަކަށް ރާއްޖޭގެ އިގްތިސާދު ބަދަލުކުރަން ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. 

މި ބައްދަލުވުމުގައި އުރީދޫ ގްރޫޕުގެ އިސްވެރިންނާއި އުރީދޫ މޯލްޑިވްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖޭގައި ޕޭޕާލްގެ ޚިދުމަތް ފެށުމަށް އަންނަނީ ރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ފިންޓެކް ގުޅިގެން މަސައްކަތް ކުރަމުން ކަމަށާއި މިއީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖޭގެ އިގްތިސާދަށް ތަރައްގީ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ މައިގަނޑު އެއް ލަނޑުދަނޑިއަށް ހާސިލުވުން ކަމަށް އިގްތިސާދީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ދިވެހި ފަންނުވެރީން ކުރިއަރުވާ ޑިޖިޓަލް އަދި ކްރިއޭޓިވް އިކޮނޮމީގެ ޒަރިއްޔާއިން އިގްތިސާދުގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށާއި ރާއްޖޭގެ ތާރީޚުގައި އަލަށް ފަށާ މި މުހިންމު ޚިދުމަތަކީ ފައިސާގެ މުއާމަލާތަކުގައި ޒަމާނީ އަދި ލުއިފަސޭހަ ވަސީލަތްތައް ތައާރަފުކުރުން ކަމަށެވެ. އަދި މިއީ ރާއްޖޭގައި ބޭނުންކުރާ ޑިޖިޓަލް ވޮލެޓްގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ދުނިޔޭގައި ފައިސާގެ މުއާމަލާތްތައް ކުރެވޭ ޑިޖިޓަލް މަންސަތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚިދުމަތްތައް ރާއްޖެއިން ލިބޭނެ މަގުފަހިކޮށްދިނުމަށް މި ސަރުކާރުން ވެފައިވާ ވައުދު ފުދުން ކަމުގައި ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު