ENGLISH
15 އޮކްޓޯބަރު 2025
މިލަންދޫގައި ސަރުކާރުން ތަރައްޤީކުރި ފުޓްސަލް ދަނޑާއި ވޮލީ ކޯޓު ރަސްމީކޮށް ހުޅުވައިފި
15 އޮކްޓޯބަރު 2025
|
މިލަންދޫގައި ސަރުކާރުން ތަރައްޤީކުރި ފުޓްސަލް ކޯޓު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
ސަރުކާރުން ށ. މިލަންދޫގައި ތަރައްޤީކުރި ފުޓްސަލް ދަނޑާއި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.
މިލަންދޫގައި ކުޅިވަރު ދާއިރާއިން ކުރިއަށްގެންދިޔަ ދެ މަޝްރޫޢުގެ މަސައްކަތް ނިންމައި، ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ފުޓްސަލް ދަނޑާއި ވޮލީބޯޅަ ކޯޓު ހުޅުއްވައިދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ދަނޑާއި ވޮލީބޯޅަ ކޯޓު ބައްލަވާލައްވައިފައެވެ. އަރިހުގައި، ވަފުދުގައި ވަޑައިގެންނެވި ވަޒީރުންނާއި ދާއިރާގެ މަޖިލިސް މެންބަރު އަދި ކައުންސިލްގެ ރައީސް ބައިވެރިވަޑައިގަތެވެ.
މިލަންދޫގައި ފުޓްސަލް ދަނޑާއި ވޮލީބޯޅަ ކޯޓު ވެސް ތަރައްޤީކުރީ ރޭގަނޑު ކުޅެވޭ ގޮތަށް ޒަމާނީ ވަޞީލަތްތަކާއެކުއެވެ.
މިލަންދޫގައި ތަރައްޤީކުރި ވޮލީބޯޅަ ކޯޓު. ސަރުކާރުން އަންނަނީ ކުޅިވަރުގެ ވަސީލަތްތައް ރަށްރަށުގައި ގާއިމުކުރަމުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ މިލަންދޫއަށް ކުރެއްވި ދަތުރުފުޅުގައި މިލަންދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޞިއްޙީ މަރުކަޒުގެ ބިންގާ އެޅުމާއި، އިސްލާމިކް ސެންޓަރުގެ ބިންގާ އެޅުމުގެ އިތުރުން ފުލުހުންގެ އާ މަރުކަޒުގެ ޢަމަލީ މަސައްކަތް ވަނީ ފައްޓަވައިދެއްވައިފައެވެ.
މިލަންދޫގައި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫޢަކީ އެއާޕޯޓުގެ މަޝްރޫޢެވެ. އެގޮތުން އެރަށުގައި ތަރައްޤީކުރާ އެއާޕޯޓުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ހަވާލުކޮށް އަމަލީ މަސައްކަތް ވެސް ވަނީ ފަށައިފައެވެ.