ENGLISH

14 އޮކްޓޯބަރު 2025

Advertisement

ތާރީޚީ ކާމިޔާބެއް؛ ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފެށުމުގެ އިންތިޒާމު ހަމަޖެހިއްޖެ

14 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފެށުމުގެ އިންތިޒާމު ހަމަޖެހިއްޖެ

ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފެށުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އިގްތިސާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވުޒާރާ އިން ހާމަކޮށްފި އެވެ.

އެ ވުޒާރާ އިން ބުނީ ޕޭޕަލްއާއެކު ރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ފިންޓެކް ގުޅިގެން ޕޭޕަލްގެ ހިދުމަތް ތައާރަފު ކުރުމަށް ހަމަޖެހިގެން ގޮސްފައިވާ ކަމަށާ މިއީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖޭގެ އިގްތިސާދަށް ތަރައްގީ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ މައިގަނޑު އެއް ލަނޑުދަނޑި ހާސިލުވުން ކަމަށެވެ.

ދިވެހި ފަންނުވެރީން ކުރިއަރުވާ ޑިޖިޓަލް އަދި ކްރިއޭޓީވް އިކޮނޮމީގެ ޒަރިއްޔާއިން އިގްތިސާދުގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށާ ރާއްޖޭގެ ތާރީހުގައި އަލަށް ފަށާ މި މުހިންމު ހިދުމަތަކީ ފައިސާގެ މުއާމަލާތައް ކުރާ ޒަމާނީ އަދި ލުއިފަސޭހަ ވަސީލަތްތައް ތައާރަފުކުރުމާއި ރާއްޖޭގައި ބޭނުންކުރާ ޑިޖިޓަލް ވޮލެޓްގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް ދުނިޔޭގައި ފައިސާގެ މުއާމަލާތްތައް ކުރެވޭ ޑިޖިޓަލް މަންސަތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހިދުމަތްތައް ރާއްޖެއިން ލިބޭނެ މަގުފަހިކޮށްދިނުމަށް މި ސަރުކާރުން ވެފައިވާ ވައުދު ފުދުން ކަމުގައި ވަނީ ބުނެފަ އެވެ.

އަދި ބުނީ މިކަމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކާއި ކޮންޓެންޓް ކްރިއޭޓަރުންނަށް ދުނިޔޭގެ ޑިޖިޓަލް އިގްތިސާދުގައި ހަރަކާތްތެރިވުމަށް ފުރުސަތު ފަހިވާނެ ކަމެއް ކަމަށެވެ.

މިފަދަ ހިދުމަތްތައް ގައުމުތަކުގައި ފަށައިގަތުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ގިނަކަމާއި ފަންނީ އަދި މާލީ ޒަމާނީ މުއާމަލާތްތައް ކުރުމުގައި ރާއްޖޭފަދަ ގައުމުތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަނެ މިފަދަ ބައިނަލްއަގްވާމީ ހިދުމަތްތައް ރާއްޖޭގައި ފަށައިގަތުމަށް މި ސަރުކާރުން ވަރަށް އިސްކަމެއްދީ އެތައް ގޮންޖެހުންތަކެއް ކުރިމަތިވެ އެ ހުރަސްތައް ކަަޑަތުކޮށްފައިވާ ކަމަށްވެސް އިގްތިސާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވުޒާރާ އިން ބުންޏެވެ.

މި ހިދުމަތް ތައާރަފު ކުރުމަށްޓަކައި ޕޭޕަލް އަދި ކަމާގުޅޭ ފަރާތްތަކާއެކު ވަރަށް ގިނަ މަސައްކަތް ނިމިދިޔަ ދެ އަހަރުގެ ތެރޭގައި ކޮށްފައިވާ ކަމަށާ ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެށިގެން ދިއުމަކީ މާލީ ނިޒާމު ހަރުދަނާ ކުރުމަށާއި އިޖާދީ ޑިޖިޓަލް ހައްލުތައް ހޯދޭނެ ފަދަ މާލީ މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު