ENGLISH

19 ސެޕްޓެމްބަރު 2025

Advertisement

ޤުރުއާނުގެ ޢިލްމު ފެތުރުން އިތުރު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން: ވަޒީރު

18 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު

މިއަދުގެ ސަރުކާރުގެ ފަރާތުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާ ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ގޮތުން މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، މިއަހަރުގެ ޤުރުއާން މުބާރާތް ބޭއްވިގެން މިދަނީ ދިވެހި ސަރުކާރުގެ ޚަރަދުގައި ދަޢުލަތުގެ ބަޖެޓުން ޚަރަދުކުރެވިގެންކަމަށާއި މިއަހަރުން ފެށިގެން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ ޤުރުއާން މުބާރާތް ކުރިއަށްދާނީ ސީދާ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކަމަށް  ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ. މީގެ އިތުރުން ރައީސްގެ ވަޢުދާއި އެއްގޮތަށް އިމާރާތް ކުރުމަށް މަސައްކަތް ކުރެވެމުންދާ ކީރިތި ޤުރުއާނާއި ބެހޭ ވަޤުފް އިމާރާތުގެ ބިމުގެ ރަޖިސްޓްރީ މިހާރު ވުޒާރާއަށް ލިބިފައިވާކަމަށާއި މި އިމާރާތާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރުއާނުގެ ޢިލްމު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް މާލީ އެހީތެރިކަން ދެވިގެންދާނެކަން ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިރޭގެ ރަސްމިއްޔާތުގައި މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކީރިތި ޤުރުއާން ކިޔެވުމުގެ 38 މުބާރާތުގެ ޤަވާއިދު އިފްތިތާޙްކޮށްފައިވެއެވެ.

އެ ޤަވާއިދަށް އަލިއަޅުވާލައްވާ ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ޤަވާއިދުތަކަށް ބަދަލުތަކެއް ގެނެވެމުން ދަނީ މި ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންގެ ލަފާއާއި އިރުޝާދާއެކު، ފުޅާކޮށް މަޝްވަރާ ކުރެވިގެންކަމަށާއި މިއީ މުބާރާތުގެ ފެންވަރު ރަނގަޅު ކުރުމަށް ގެނެވިގެންދާ ބަދަލުތަކެއްކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ކީރިތި ޤުރުއާނުގެ ޢިލްމު މުޅި ރާއްޖޭގައި ފެތުރުމަށް ސަރުކާރާއި އާއްމު ރައްޔިތުންނާއި ވިޔަފާރިވެރިންނާއި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރެއްވުމަށް ގޮވާލައްވާފައެވެ. ވަޒީރު ވިދާޅުވީ އިސްލާމްދީނާއި ކީރިތި ޤުރުއާނުގެ ރިސާލަތު ފެތުރުމަށް ގުޅިގެން މަސައްކަތްކުރުމަކީ މުހިއްމު އަދި އެކަމުގެ ސަބަބުން މުޅި މުޖުތަމަޢުއަށް ފައިދާ ކުރާނެ ކަމެއްކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ބެލެނިވެރިންނާއި މުދައްރިސުންނަށްވެސް ހިއްވަރު ދެއްވާފައެވެ. އެގޮތުން ޤުރުއާނުގެ ހިދާޔަތުގެ ތެރޭގައި ދަރިން ތަރުބިއްޔަތު ކުރުމަށްވުރެ ވަކިން ބޮޑު މާތް މަސައްކަތެއް ނޯންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު