ENGLISH

17 ސެޕްޓެމްބަރު 2025

Advertisement

އަޅުގަނޑުގެ ފަލްސަފާއަކީ ރައްޔިތުންނާ ގާތުން ޚިދުމަތްދިނުން: ރައީސް

17 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސް އަތޮޅުތެރޭގެ ރަަށަކަށް ވަޑައިގަތުން --

އެމަނިކުފާނުގެ ފަލްސަފާއަކީ ރައްޔިތުންނާ ގާތުން ޚިދުމަތްދިނުން ކަމަށާ އެކަމަށް މަގުފަހި ކުރުމުގެ ގޮތުން މުހިންމު ގިނަ ބަދަލެއް މިހާރުވެސް ގެނެސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

"ރައްޔިތުންނާއެކު ޕޮޑްކާސްޓް" ގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިއަދާ ހަމައަށް އައިއިރު ވަރަށް ގިނަ ރަށްތަކަށް ވަޑައިގެންނެވިއްޖެ ކަމަށާ އެ ދަތުރުތަކުގެ ބޭނުމަކީ ރައްޔިތުންގެ ގާތުން ކަންކަން އޮޅުންފިލުވާއި ރައްޔިތުންގެ އަޑު އެހުން ކަމަށެވެ.

އަދި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ގެންދިޔުމުގައި، ހަމަ ސީދާ ރައްޔިތުން ބޭނުންވާގޮތް ކަށަވަރުކޮށް، ނުވަތަ އެ ގޮތަކަށް ކަންކަން ކުރެވޭނެ މަގު ވީހާވެސް ގާތުން ފަހިކުރުން ކަމަށެވެ.

"..ކަމާބެހޭ ވުޒާރާތަކުގެ ވަޒީރުން، އަދި ކުންފުނިތަކުގެ ވެރިންވެސް، އެބޭފުޅުންގެ ދާއިރާއާބެހޭ ކަންކަން ސީދާ ރައްޔިތުންގެ ގާތުން، ރައްޔިތުންގެ މަންދޫބުންނާއި، މުއައްސަސާތަކުގެ ވެރިން ގާތުން އޮޅުން ފިލުވުން. އެކަމުގެ ސަބަބުން ހިންގުމަށް ވަރަށް ބޮޑެތި ކުރިއެރުމެއް ލިބޭ. ވަރަށް ބޮޑު ހަލުވިމިނެއް އާދޭ. ކުރީގައިވިއްޔާ މި ޖެހެނީ ސިޓީބިޓީއިން ނޫނީވިއްޔާ، ދަތުރުހަދާފައި މާލެއަންނަން މި ހުރިހާ ވެރިން ނޫނީވިއްޔާ މި ހުރިހާ މުއައްސަސާތަކުގެ ބޭފުޅުން. އެ އަޅުވެތިކަން، ނޫނީވިއްޔާ އެ އަޅުދާސްތުވުން، ނިމުމަކަށްގެނެސް، ސީދާ ރައްޔިތުންގެ ގާތަށް އަޅުގަނޑު ގޮސް، އަޅުގަނޑާ އެކީގައި އެކި މުއައްސަސާތަކުގެ ހިންގަން ތިއްބެވި ބޭފުޅުން ގެންގޮސް ބައްދަލުކުރުވައި، ކަންކަން އަޑުއަހައި، ކަންކަން ހައްލުކުރުން. އެއީ އަޅުގަނޑު ގަބޫލުކުރާ ފަލްސަފާއަކީ. އެހެންވީމާ، އެގޮތަށް މި މަސައްކަތް ކުރަނީ," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކާއި، ޑަބްލިޔު.ޑީ.ސީ.ތައް ބާރުވެރި ކުރުވަންވެސް މަސައްކަތް ކުރައްވަމުން އަންނަ ކަަމަށެވެ. އެ ގޮތުން މިހާތަނަށް، ޑަބްލިޔު.ޑީ.ސީ.ތަކުގެ ފަރާތުން އެންމެ ބޮޑަށް އެދެމުންދިޔަ ކަންތައްތައް ކަމަށްވާ ރޯދަ ޢިނާޔަތާއި ވިހެއުމުގެ ޗުއްޓީފަދަ ކަންކަން ޤާނޫނީގޮތުން ހައްލުކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.

"..ދެން މިހާރު އިތުރު ކުރިއެރުމެއް އިރާދަކުރެއްވިއްޔާ ޑަބްލިޔު.ޑީ.ސީ.ތަކަށް ލިބޭނެ ކަހަލަ އިސްލާޙެއް ވެސް އެބަ ގެންނަން. މި އަންނަ އަހަރަށް ބަޖެޓު ހުށަހެޅިގެންދާއިރުގައި، ދެން ކުރިއަށް އޮތް ތަނުގައި، ކޮންމެ އަހަރަކުވެސް ޑަބްލިޔު.ޑީ.ސީތަކަށް މިހާރު މިދޭ ބަޖެޓު ދެ ގުނައަށް ބޮޑުކޮށްދެން އެބަ އިނގޭތޯ. ކައުންސިލްތަކު ބަޖެޓުގެ ތެރެއިން މިދެނީ ޑަބްލިޔު.ޑީ.ސީ.އަށް ބަޖެޓު. އެއީ، ފަސް ޕަސެންޓް. އެ ފަސްޕަސެންޓް ދިހަ ޕަސެންޓަށް މި ބޮޑުކުރަނީ އެއީ ކީއްވެތޯ؟ އެއީ، އަންހެނުންގެ ތަރައްޤީއަށްޓަކައި ކުރާ މަސައްކަތަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން," ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ޑަބްލިޔު.ޑީ.ސީ.ގެ ރައީސާ ހޮވާނެ ގޮތާއި ބްލޮކް ގްރާންޓް ދޭ އުސޫލަށް ގެންނަ ބަދަލު ގެންނަން ނިންމާފައިވާ ނިންމުން ފާހަގަކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު