ENGLISH
17 ސެޕްޓެމްބަރު 2025
ސަރުކާރަށް މިވީ މުއްދަތުގެ ތެރޭހައި ހާހެއްހައި މުވައްޒަފުން ސިއްހީ ހިދުމަތަށް ނެރެވިއްޖެ: ނާޒިމް
17 ސެޕްޓެމްބަރު 2025
|
ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފާއިތުވި ދޮޅު އަހަރެއްހައި ދުވަހުގެ ތެރޭގައި ފަހުގެ ތާރީހެއްގައި ސިއްހީ ހިދުމަތަށް މުވައްޒަފުން ނުހޯދޭ މިންވަރަށް މުވައްޒަފުން ހިދުމަތަށް ނެރެދެވިފައިވާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހަށްވުރެ މުހިއްމު ދުވަހެއް ސިއްހީ ނިޒާމެއްގައި ނާންނާނެ ކަމަށެވެ.
މި އަހަރު ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރުމުގެ ދުވަހުގެ ޝިއާރުގައި ބާރުއަޅާފައިވަނީ ކުޑަކުދިންނަށް އަދި އަލަަށް އުފަންވާ ކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މުހިއްމުކަމުގެ މައްޗަށްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ދުނިޔެއަށް އުފަންވާ ހުރިހާ ކުދިންނަށް ރައްކާތެރިކަން ޔަގީންކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށާއި، އެކަމުގައި އެންމެ އިސްކަންދޭންވީ އެކުދިންނަށް ކުރިމަތިވާ ނުރައްކާތަކުގެ ތެރެއިން އެކަންކަމުން ކުދިން ސަލާމަތްކުރެވޭ ޒާތުގެ ކަންކަމުން ކުދިން ސަލާމަތްކުރުމަށް އިސްކަންދީ ސަމާލުކަން ދިނުމަށް ކަމުގައެވެ.
"ދިވެހިރައްޔިތުންނަށް މިއަދުވެސް އަޅުގަނޑު ކަށަވަރުކޮށްދޭން ބޭނުންވަނީ މިއަދުގެ ސަރުކާރުން އެންމެ މުހިންމު އެއް ކަމެއްދެނީ ސިއްހީ ހިދުމަތްދިނުން ފުޅާކުރުމާއި، ސިއްހަތު ފެންވަރު ރަނގަޅުކުރުމާއި، ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމޭ. އަދި މާ މުހިންމު ކަމެއްގެ ގޮތުގައި މި ގައުމުގެ އާބާދީއަކީ ދުޅާހެޔޮ އާބާދީއަކަށް ހެދުމުގެ މަސައްކަތް މި އެޑްމިނިސްޓްރޭޝަންގެ ސިއްހީ ސިޔާސަތުގެ މުހިންމު އެއް އެޖެންޑާ" މިނިސްޓަރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވީ ބަލިވުމުން ފަރުވާ ލިއްބައިދިނުމާއި، ބަލިޖެހުމުގެ ކުރިން ބައްޔަށް ހުށަހެޅޭ ކަންކަމުން މީހުން ރައްކާތެރިކުރުމަކީ ސިއްހީ ނިޒާމުގެ މުހިއްމު ދެ ބައިކަމުގައިވާއިރު، ލޭމެހިފައިވާ ނިޒާމެއްގެ ތެރެއިން ސިއްހީ ދާއިރާގެ މި ދެ ކަން ކުރެވޭނެ ގޮތަށް ސިޔާސަތު ބައްޓަންކުރުމަށް މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭކަމެވެ.
އަދި މި މަސައްކަތުގެ ތެރެއިން ކުރެވޭ އެއްކަމަކީ ސިއްހީ ދާއިރާގެ އުމްރާނީ އަދި އިންސާނީ ވަސީލަތްތައް އިތުރުކުރުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތުގެ ތެރެއިން ސަރުކާރަށް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އަތޮޅު ތެރޭގެ ސިއްހީ ހިދުމަތަށް 400 އަށްވުރެ ގިނަ މުވައްޒަފުން އަދި މާލޭ ސަރަހައްދުގެ ސިއްހީ ހިދުމަތަށް 500 އަށްވުރެ ގިނަ މުވައްޒަފުން ނެރެދެވިފައިވާ ކަމަަށެވެ.