ENGLISH

17 ސެޕްޓެމްބަރު 2025

Advertisement

ސިއްހީ ހިދުމަތް ދޭ ތަންތަނާއި ހުއްދަ ދީފައިވާ ހިދުމަތްތައް އެއްތަނަކުން ފެންނާނެ ސޮފްޓްވެއާއެއް އިފުތިތާހުކޮށްފި

17 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ސިއްހީ ހިދުމަތް ދޭ ތަންތަނާއި ހިދުމަތްތަކުގެ މައުލޫމާތު ލިބޭ ސޮފްޓްވެއާ އިފުތިތާހުކުރުން، ފޮޓޯ: ހެލްތު މިނިސްޓްރީ

ރާއްޖޭގައި ސިއްހީ ހިދުމަތް ދޭ ތަންތަނާއި، އެ ތަންތަނުން ދިނުމަށް ހުއްދަ ދީފައިވާ ސިއްހީ ހިދުމަތްތަކުގެ މައުލޫމާތު އެއްތަނަކުން ބަލައިލެވޭ ގޮތަށް ހާއްސަ ސޮފްޓްވެއާއެއް ތައްޔާރުކޮށް އިފުތިތާހުކޮށްފިއެވެ. 

ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ސޮފްޓްވެއާ އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ. 

އަލަށް އެކުލަވައިލެވުނު ހެލްތު އެސްޓެބްލިޝް މެނޭޖްމަންޓް ސިސްޓަމް (ހެމްސް) މެދުވެރިކޮަށް ސިއްހީ ހިދުމަތްތަކާ ގުޅޭ ސައްހަ މައުލޫމާތު ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ. އެ ސިސްޓަމުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިއްހީ ހިދުމަތް ދޭ ހުރިހާ ތަންތަނެއްގެ އިތުރަށް، އެތަންތަނުން ފޯރުކޮށްދޭ ހިދުމަތްތަކާއި، އެތަންތަނުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަކީ ކޮބައިކަން އެނގޭނެއެވެ. 

މި ސިސްޓަމް އިފުތިތާހުކުރުމުގެ އިތުރަށް ބައިނަލްއަޤްވާމީ ސިއްޙީ ޖަމްޢިއްޔާއެއްކަމަށްވާ ޖޮއިންޓް ކޮމިޝަން އިންޓަރނޭޝަނަލް ޖޭސީއައިގެ ޕޭޝަންޓް ސޭފްޓީ ޕާތްވޭ ރާއްޖޭގެ ތިން ހޮސްޕިޓަލެއްގައި ގާއިމުކުރުމުގެ މަސައްކަތް ފަށާނެކަން އިއުލާނުކޮށްފައިވެއެވެ. މި ނިޒާމުގެ ބޭނުމަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ މިންގަނޑުތަކާ އެއްގޮތަށް ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރެވޭކަން ޔަގީންކުރުމެވެ. 

މި ޕެތުވޭ ގާއިމުކުރުމަށް ނިންމާފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލާއި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައެވެ. 

އޭގެ އިތުރަށް  "ޖޭސީއައި ޕޭޝަންޓް ސޭފްޓީ ޗެމްޕިއަންސް"ގެ ގޮތުގައި ސިއްހީ ހިދުމަތްތެރިންތަކެއް ތަމްރީނުކުރުމުގެ މަސައްކަތް އިފުތިތާހުކޮށްފައިވެއެވެ. މިއީ ސިއްހީ ނިޒާމުގައި ބަލިމީހުންނަށް ބޭނުންވާ އަޅައިލުމާއި ރައްކާތެރިކަން ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ފޯރުކޮށްދެވޭކަން ޔަގީންކުރުމަށް ކުރީ ސަފުގައި މަސައްކަތްކުރާ ހަތް ޗެމްޕިއަނުން ތަމްރީންކުރުމުގެ ޕްރޮގުރާމެކެވެ. 

މި އަހަރު ބަލިމީހުންގެ ރައްކާތެރިކަމުގެ ބައިނަލްއަގުވާމީ ދުވަހުގެ ޝިއާރު ގުޅިފައިވަނީ ކުޑަކުދިންނާއި އަލަށް އުފަންވާ ކުދިންނަށް ރައްކާތެރިކަމާއި އަޅައިލުން ފޯރުކޮށްދިނުމާއެވެ. 

ކިޔުންތެރިންގެ ހިޔާލު