ENGLISH
16 ސެޕްޓެމްބަރު 2025
ބޮޑުތަކުރުފާނުމަގުގެ އުތުރުު ފަރާތުން މަގު ފުޅާކޮށް ތަރައްޤީކުރުން: މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި
16 ސެޕްޓެމްބަރު 2025
|
ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލެއްވުން --
ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފި އެވެ.
މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފެށީ މި މަހުގެ 8 ވަނަ ދުވަހު އެވެ. އެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާއިރު ވަނީ އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ އެ ސަރަހައްދަށް ވަޑައިގެންފަ އެވެ.
އެ މަސައްކަތް ކުރިއަށްދާ އެމްޓީސީސީގެ އިސް ބޭފުޅުން ވަނީ އެ މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފަ އެވެ.
އެމްޓީސީސީން ބުނި ގޮތުގައި މަގު ހެދުމުގެ އެ މަޝްރޫޢުގައި އެންކަރ ބްލޮކް އިންސްޓޯލޭޝަންެ 65 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ސީ ޗެނަލް އިންސްޓޯލޭޝަން 73 އިންސައްތަ އަދި ރިކްލެމޭޝަންގެ 82 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތުން 830 މީޓަރުގެ ސަރަހައްދުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރެއިން 737 މީޓަރު ސަރަހައްދުގައި ޝީޓް ޕައިލް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެ މަޝްރޫއުގެ ދަށުން ތާރުއަޅައި ސަބްބޭސް ތައްޔާރުކޮށް ފެންހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެއެވެ. މުޅި މަގު ތަރައްގީކުރާނީ ހަތަރު ލޭން ހިމެނޭ ގޮތަށެވެ.
ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ތަރައްގީކުރެވުމުން، އެ ސަރަހައްދުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބޭނެއެވެ. ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުގައި ޓްރެފިކް ތޮއްޖެހުން އިތުރުވެ، ދަތުރުފަތުރުކުރާ އުޅަނދުތަކަށާއި އާއްމުންނަށް ބޮޑެތި ތަކުލީފުތައް ކުރިމަތިވެއެވެ. އެހެންނަމަވެސް މަގު ތަރައްގީކުރުމާއެކު، އެ ހުރިހާ ކަމަކަށް ހައްލު ލިބިގެންދާނެއެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، މާލޭގެ އެހެން މަގުތައް ވެސް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.