ENGLISH
15 ސެޕްޓެމްބަރު 2025
ސްޕެޝަލް އޮލިމްޕިކްސް އޭޝިއާ ޕެސިފިކް ރީޖަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމު ފުރައިފި
15 ސެޕްޓެމްބަރު 2025
|
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމާ ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ސްޕެޝަލް އޮލިމްޕިކްސް އޭޝިއާ ޕެސިފިކް ރީޖަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ކުޅުންތެރިން ފުރައިފިއެވެ.
މި މަހުގެ 17 އިން 20 ގެ ނިޔަލަށް މެލޭޝިއާގެ ވެރިރަށް ކުއަލާ ލަމްޕޫރުގައި ކުރިއަށްދާ ސްޕެޝަލް އޮލިމްޕިކްސް އޭޝިއާ ޕެސިފިކް ރީޖަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރާ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ޓީމުގައި ހިމެނެނީ ހަ މެންބަރުންނެވެ.
މި ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފައިވަނީ ހެންވޭރު ބޯޅަގޭގައި ހުންނަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގައި އިއްޔެ މެންދުރު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު، އިބްރާހިމް އާމިރު އެވެ.
ސަރަހައްދީ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުގައި ހިމެނެނީ؛ މުޙައްމަދު ރާއިފު ޝަރީފް، މުހައްމަދު ޖުމާން އަޙްމަދު، އިބްރާހިމް ރަބީތު، އައިމިނަތު ރައިޝާ އަލީ، އަމްނާ އަހުމަދު އަބްދުالله އަދި އައިޝަތު މާނިޔާ އާދަމް އެވެ.
ރާއްޖޭގެ އެތުލީޓުންނާ އެކު ހެޑް އޮފް ޑެލިގޭޝަންގެ ގޮތުގައި ބައިވެރިވަނީ މޫސާ ޒަމީރެވެ. ހެޑް ކޯޗަކީ ރިޝްވާން ޝިޔާމެވެ. އަދި ކޯޗު އައިމިނަތު ޝަހުރުހުނާޒް މޫސާ މި އެތުލީޓުންނާއެކު މެލޭޝިއާއަށް ދާނެއެވެ.