ENGLISH

15 ސެޕްޓެމްބަރު 2025

Advertisement

އަލީބާބާގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު؛ ދިވެހި އުފެއްދުންތެރިންނަށް ރަނުގެ ފުރުސަތެއް

15 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފޮޓޯ: ރައީސް އޮފީސް

ދިވެހި އިގުތިސާދު މި ރާއްޖޭގެ ހަފޮޅުން ބޭރުވާނެ ގޮތްތަކެއް ބޭނުންވެއެވެ. ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތައް ރާއްޖެއިން ބޭރުގައި އިޝްތިހާރުކޮށް ވިއްކޭނެ މަގުތައް ފަހިކުރުމަކީ، އިގުތިސާދު އިތުރަށް ފުޅާކުރާނަމަ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ދިވެހި ޒުވާނުންނަކީ އުފެއްދުންތެރި މަސައްކަތްތެރި ބައެއްކަން ގަބޫލުކުރައްވައި، އެ ޒުވާނުންގެ މަސައްކަތުން އުފައްދާ ތަކެއްޗާ ބައިނަލްއަގުވާމީ ބާޒާރުން ޖާގަ ހޯދައިދެއްވައި، ރާއްޖޭގެ އިގުތިސާދުގައި އުފެއްދުންތެރިކަމާއި އީޖާދީ އިގުތިސާދުގެ ހިއްސާ އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިސްނެންގެވީ އެހެންވެއެވެ. 

ރައީސްގެ ސިޔާސަތަކީ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ އީ-ކޮމާސް މަންސަތަކުން ދިވެހީންނަށް ވިޔަފާރިކުރުމުގެ ޖާގަ ތަނަވަސްކުރުމެވެ. ރާއްޖޭގައި ފަރުމާކޮށް، ދިވެހި އަތްތަކުން އުފައްދާ، ދިވެހި އުފެއްދުން އީ-ކޮމާސް މަންސަތައް މެދުވެރިކޮށް ދުނިޔޭގެ ބޮޑެތި އާބާދީތަކަށް ފޯރުކޮށްދީގެން، ދިވެހިންނަށް އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދެއްވުމެވެ. 

އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން އަލީބާބާއާއެކު ދިވެހި ސަރުކާރުން ކުރި މަސައްކަތްތަކާއެކު، އެ މަންސައިގަ ދިވެހިންނަށް ސެލާ އެކައުންޓުތައް ހުޅުވުމުގެ ފުރުސަތު ހަމަޖެހިއްޖެއެވެ. އެއާއެކު މި މަހުގެ 16 ވަނަ ދުވަހު އޮންލައިންކޮށް އެ މަންސަ ބޭނުންކުރާނެ ގޮތާ ގުޅޭ މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަނެއް ބޭއްވުމަށް ނިންމައި، އެކަން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު އިއުލާނުކުރެއްވީ މި މަހުގެ ދިހަވަނަ ދުވަހުއެވެ. މިހާތަނަށް އެ ވެބިނާގައި ބައިވެރިވުމަށް 450 އަށްވުރެ ގިނަ ވިޔަފާރިއާއި ވިޔަފާރިވެރިން އެދި ނަން ނޯޓުކޮށްފިއެވެ. 

2022 ވަނަ އަހަރުގެ ނިޔަލަށް 1.31 ބިލިއަން މީހުން އަލީބާބާގެ އީކޯސިސްޓަމްގެ ތެރެއިން ވިޔަފާރިކުރިއެވެ. ހަމައެކަނި ޗައިނާއިން ބިލިއަނަކަށްވުރެ ގިނަ މީހުން އަލީބާބާ ބޭނުންކުރިއެވެ. އެ އަދަދުތައް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އަލީބާބާގެ ހިސާބުތަކަށް ބަލާއިރު 88ވީއައިޕީ މެންބަރުންގެ ގޮތުަގއި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އަދަދު މިހާރު 50 މިލިއަނަށް އަހަރައެވެ. 

މި އަދަދުތަކުން ކަށަވަރުވާ ކަމަކީ އަލީބާބާއަކީ ވިޔަފާރީގެ މަންސައެއްގެ ގޮތުގައި ފުޅާ ގިނަ ފުރުސަތުތަކެއް ލިބޭނެ މަންސައެއް ކަމެވެ. ޗައިނާއާއި ޗައިނާއިން ބޭރުގެ ގިނަ ބަޔަކު އަލީބާބާ ބޭނުންކުރަމުންދަނީ، އީ-ކޮމާސް މަންސައެއްގެ ގޮތުގައި އަލީބާބާއިން ލިބޭ ފުރުސަތުތަކުގެ ގިނަ ކަމުންނެވެ. 

އަލީބާބާގެ ޓައޯބާއޯއަކީ ޗައިނާއަށް ރީޓެއިލްކުރުމަށް ބޭނުންކުރާ އަލީބާބާގެ އީކޮމާސް މަންސައެވެ. އެ މަންސައިގަ 100،000 އަށްވުރެ ގިނަ ބައިނަލްއަގުވާމީ ބްރޭންޑުން ޗައިނާގެ ކޮންޒިއުމަރުންނަށް ނުވަތަ މުދާ ގަންނަ މީހުންނަށް އެކި ބާވަތުގެ މުދާ ވިއްކައެވެ. މި ބްރޭންޑުތަކުގެ ތެރޭގައި ހިމެނެނީ 100 އަށްވުރެ ގިނަަ ގައުމަށް ނިސްބަތްވާ ބްރޭންޑުތަކެވެ. 

މި މަންސައަކީ އަމިއްލަ ފަރުދުންނަށް ޗައިނާގެ ފަރުދުންނަށް މުދާ ވިއްކަން ބޭނުންކުރެވޭ އެންމެ ބޮޑު މަންސައެވެ. އެ މަންސަ މެދުވެރިކޮށް ފަރުދުންނަށް ސީދާ ޗައިނާ މީހުންނަށް މުދާ ވިއްކުމަށްވެސް ފުރުސަތު ލިބެއެވެ. 

ދެން އޮތީ 1688.ކޮމް އެވެ. އެއީ ވިޔަފާރިތަކުގެ މެދުގައި ގަނެވިއްކުމުގެ މުއާމަލާތްކުރުމަށް ގާއިމުކުރެވިފައިވާ މަންސައެކެވެ. އެއީ ޗައިނާގެ އެތައް މިލިއަން މެނިފެކްޗަރާއިންނާއި، ހޯލްސޭލަރުންނާއި، ކާރުހާނާތަކުން އެ ގައުމުގެ އަދި ބައިނަލްއަގުވާމީ ވިޔަފާރިތަކަށް ވާސިލުވުމަށް ބޭނުންކުރާ މަންސައެވެ. 

އޭގެ އިތުރަށް ޗައިނާއިން ބޭރު އެހެން ގައުމުތަކުގެ ވިޔަފާރިތަކުން އެމީހުންގެ އަމިއްލަ އުފެއްދުންތައް ޗައިނާގެ ވިޔަފާރިތަކާ ހަމައަށް ވާސިލުކުރުމަށްވެސް ބޭނުންކުރަނީ މި މަންސައެވެ. 

އަލީބާބާއިން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އަލީބާބާގެ ހުރިހާ މަންސައެއްގައި ކުރި ވިޔަފާރީގެ ތެރެއިން ވިއްކުނު މުދަލުގެ އަގު 1.1 ޓްރިލިއަން ޑޮލަރަށް އަރައެވެ. މި އަދަދުން ދައްކުވައިދެނީ މުދާ ވިއްކާ ފަރުދުންނާއި ވިޔަފާރިތަކަށް ސެލާ އެކައުންޓު ހުޅުވައިގެން ވިޔަފާރިކުރުމަށް މި މަންސަތަކުން ލިބިދޭ ފަހި ފުރުސަތެވެ. 

އަލީބާބާގެ މަންސަތަކުގެ ތެރެއިން ޓައޯބައޯގައި އޮންލައިން ފިހާރައެއް ހުޅުވުމަކީ ވަރަށް ފަަސޭހަ ކަމެކެވެ. ކުރަންޖެހޭ ހޭދަ ވަރަށް ކުޑައެވެ. އަދި އަލީބާބާއިން ގާއިމުކޮށްފައިވާ ޑިޖިޓަލް ވަސީލަތްތަކުގެ ތެރެއިން ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ފސޭހަތައްވެސް ލިބެއެވެ. ޗައިނިއާއޯ ލޮޖިސްޓިކްސްގެ ތެރެއިން މުދާ ރައްކާކުރުމާއި ޑެލިވެރީކުރުމުގެ އެހީތެރިކަން ލިބި ކުދި ވިޔަފާރިތަކުން މުވައްޒަފުންނަށް ކުރަންޖެހޭ ހޭދަ ކުޑަވެއެވެ. އޭންޓް ގްރޫޕު ނުވަތަ އަލިޕޭއާއި މައިބެންކް ފަދަ ހިދުމަތްތައް މެދުވެރިކޮށް ކުދި ވިޔަފާރިތައް ފުޅާކުރުމަށް ބޭނުންވާ ފައިސާގެ އެހީވެސް ހަމަޖެހެއެވެ. 

އަލީބާބާގައި ދިވެހި ވިޔަފާރިތަކަށް ފަހިވެގެންދާ މި ފުރުސަތަކީ ވިޔަފާރި ފުޅާކޮށް، ދިވެހި އުފެއްދުންތައް ބައިނަލްއަގުވާމީ ބާޒާރަށް ނެރެ، އެންމެ ހަލުއިކޮށް ފުޅާވަމުންދާ ކޮންޒިއުމާ މާކެޓުކަމުގައިވާ ޗައިނާ މާކެޓުގެ ތެރެއިން އިގުތިސާދީ ނަފާ ހާސިލުކުރަން ފަހިކުރެވުނު ފުރުސަތެކެވެ. މިއީ ދިވެހި ގައުމީ އުފެއްދުންތެރިކަމުގައި ކްރިއޭޓިވް އިކޮނޮމީ ހިއްސާވާ މިންވަރު އިތުރުކޮށްދޭނެ ވަރުގަދަ ސިޔާސަތެކެވެ. 

ކިޔުންތެރިންގެ ހިޔާލު