ENGLISH
18 ސެޕްޓެމްބަރު 2025
ކެރަމް ވޯލްޑް ކަޕްގެ ހޯސްޓިންގ ޕާޓްނަރަކަށް ބާސެލޯ ނަސަންދުރަ ހަމަޖައްސައިފި
11 ސެޕްޓެމްބަރު 2025
|
ކެރަމް ވޯލްޑް ކަޕްގެ ހޯސްޓިންގ ޕާޓްނަރުގެ ގޮތުގައި ބާސެލޯ ނަސަންދުރަ އާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޔަކޭ.އެމްވީ
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން އިސްނަގައިގެން ރާއްޖޭގައި ބާއްވާ ކެރަމް ވޯލްޑް ކަޕްގެ ހޯސްޓިންގ ޕާޓްނަރުގެ ގޮތުގައި "ބާސެލޯ ނަސަންދުރަ" ހަމަޖައްސައިފިއެވެ.
"ބާސެލޯ ނަސަންދުރަ" އާއި ކެރަމް އެސޯސިއޭޝަންއާ މެދުގައި ގާއިމްކުރި އެއްބަސްވުމުގައި ސޮއިކުރުން އޮތީ ބާސެލޯ ނަސަންދުރައިގައެވެ. ކެރަމް އެސޯސިއޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ، އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ރައުޝާން އެވެ. ބާސެލޯ ނަސަންދުރަގެ ފަރާތުން ސޮއިކުރީ، ޑެޕިއުޓީ ޖެނެރަލް މެނޭޖަރ އެންރިކް ރެއިނާ އެވެ.
މާލޭގެ އެންމެ މަތީ ފަންތީގެ ހޮޓެލް، ބާސެލޯ ނަސަންދުރާ އަކީ ސްޕެއިންގެ ބާސެލޯ ގްރޫޕުން ތަރައްޤީކޮށްފައިވާ 16 ބުރީގެ، 136 ކޮޓަރި ހިމެނޭ ފަސްތަރީގެ ހޮޓެލެކެވެ. މީގެ ތެރެއިން 95 ކޮޓަރިއަކީ މޫދު ފެންނަ ކޮޓަރިތަކެވެ. މީގެ އިތުރުން 116 ސާވިސް އެޕާޓްމަންޓް ވެސް މި ހޮޓެލުގައި ހިމެނެއެވެ.
އަންނަ ޑިސެންބަރު މަހު ކުރީކޮޅު މާލޭގައި ބާއްވާ މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި މުޅި ދުނިޔޭގެ އެކި ބައްރުތަކުން 20 އަށް ވުރެ ޤައުމުން ގާތްގަނޑަކަށް 200 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާނެ އެވެ. ކެރަމްގެ ތާރީޚުގައި ވެސް މިހާތަނަށް އެންމެ ގިނަ އަދަދެއްގެ އެތުލީޓުން ބައިވެރިވާ ކެރަމް ވޯލްޑް ކަޕްގެ ގޮތުގައި މި މުބާރާތް ރާއްޖޭގައި ބޭއްވުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރެކެވެ.
ކެރަމް ވޯލްޑް ކަޕަކީ އައީސީއެފް އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރީން، 2014 ގައެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ ސަން އައިލެންޑް ރިސޯޓްގައެވެ.
މި އަހަރުގެ މުބާރާތަކީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ޓީމު އިވެންޓުން ބްރޯންޒް މެޑެލް ހޯދައިފައެވެ.