ENGLISH
18 ސެޕްޓެމްބަރު 2025
ކިންގްސް ކަޕް ފައިނަލުގައި އާރުއާރުސީ އާއި އޭދަފުށީގެ ކުރިމަތިލުމެއް
07 ސެޕްޓެމްބަރު 2025
|
މުބާރާތުގެ ސެމީ ފައިނަލުގައި ޖޯލި މޯލްޑިވްސް ކޮޅަށް ލަނޑުޖެހުމަށްފަހު ސީސީގެ ފާއްޓޭ (ކ) އުފާ ފާޅުކުރަނީ. ފޮޓޯ: އިމޭޖަސް.އެމްވީ
ކްލަބް މޯލްޑިވްސްގެ ކިންގްސް ކަޕް ފައިނަލުގައި ބ. އޭދަފުށީގެ ޗެމްޕިއަން، ކްލަބް ކޮމްބިނޭޝަން ސްޕޯޓްސް ކްލަބު (ސީސީ) އާއި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ބައްދަލުކުރާން ޖެހިއްޖެއެވެ.
މުބާރާތުގެ ފައިނަލުން އާރްއާރްސީ ޖާގަ ހޯދީ، ރޭ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ހދ. ނައިވާދޫ ޓީމު އަތުން 4-2 އިން މޮޅުވެގެންނެވެ. އަދި، ރިސޯޓް ސެކްޓަރުގެ ޗެމްޕިއަން، ޖޯލި މޯލްޑިވްސް އަތުން އޭދަފުށީ ސީސީ މޮޅުވީ 2-0 އިންނެވެ.
އެންމެ ފަހުގެ ގޯލްޑެން ފުޓްސަލް ޗެލެންޖްގެ ރަނަރަޕް މަޤާމު ހޯދި ނައިވާދޫ އަތުން މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަން އާރްއާރްސީ މޮޅުވިއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ޝަނާން ރަޝާދު ދެ ގޯލާއި، ޢަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އާއި އަހުމަދު އަފްލާޒް އެވެ.
މި މެޗުގައި ނައިވާދޫގެ ލަނޑުތައް ޖަހައިދިނީ އަހުމަދު ހަމީދު (އައްމަޑޭ) އާއި ޢަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާރްއާރްސީގެ ކެޕްޓަން، އިބްރާހިމް އަސްވަދު (ގަބޭ) އެވެ.
މި މުބާރާތުގެ ސެމީގެ ދެވަނަ މެޗުގައި ރޭ ސީސީ ޓީމަށް ލަނޑުތައް ޖަހައިދިނީ މުޙައްމަދު ފާސިރު (ފާއްޓޭ) އާއި އަޔާޒް އަހުމަދު (އަޔާ) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީސީގެ އަޔާ އެވެ.
އާރްއާރްސީއާ ސީސީ ބައްދަލުކުރާ ފައިނަލު މެޗު އޮތީ އަންނަ އަންގާރަ ދުވަހު އެވެ. މި މެޗު ފަށާނީ ރޭގަނޑު ނުވައެއް ޖަހާއިރު އެވެ.