ENGLISH

01 ސެޕްޓެމްބަރު 2025

Advertisement

ރާއްޖޭގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރަން ފުރިހަމަ އެއްބާރުލުން ލިބޭނެ: ޗައިނާގެ ރައީސް

31 އޯގަސްޓު 2025

|

ހަސަން އާމިރު

ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ޗައިނާގެ ރައީސް ހިޒް އެކްސަލަންސީ ޝީ ޖިންޕިންގ ދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޗައިނާ އަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ޓިއާންޖިންގައި ހުންނަ ޓިއާންޖިން ޔިންގްބިން ހޮޓެލްގައި، ޗައިނާގެ ރައީސްއާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ޝީ ޖިންޕިންގ ވަނީ ރާއްޖެ އަށް އެހީވުމަށް ޗައިނާއިން ވެފައިވާ ވަޢުދު ތަކުރާރުކުރައްވައި، ނަތީޖާއަށް ބިނާކުރައްވައި ގުޅުންތައް އިތުރަށް ކުރިއަށް ގެންދެވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާ ވާހަކަފުޅު ދައްކަވައިފައެވެ.

މި ބައްދަލުވުމުގައިި "ކޮމްޕްރިހޭންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕަރޓްނަރޝިޕް (2024 -2028)" ގެ ދަށުން، ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން، މަތީ ހަރުފަތަކަށް ގެންދެވުމަށްދެ ޤައުމުގެ ލީޑަރުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ރައީސް ޑރ. މުޢިއްޒާއި ޗައިނާގެ ރައީސް ޝީ ޗިންޕިންގ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ޗައިނާގެ ރައީސް ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް މަރްޙަބާ ވިދާޅުވެ، ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ރައީސް ވަނީ، ދެޤައުމުގެ މެދުގައި ޒަމާނުއްސުރެ އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގައި މިދަތުރުފުޅުގެ މުހިންމުކަމުގެމައްޗަށް އަލިއަޅުއްވާލައްވާފައެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، ރަސްމީ ދަތުރުފުޅެއްގައި ދެވަނަ ފަހަރަށް ޗައިނާއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި އުފާވެރިކަން ހިއްސާކުރައްވައި، އެމަނިކުފާނަށް ދެންނެވި ހޫނު މަރްޙަބާއާއި، ދެއްވި ދައުވަތާއި، ދީލަތި މެހެމާންދާރީއަށްޓަކައި، ރައީސް ޝީ ޖިންޕިންގއަށް ޝުކުރު އަދާކުރައްވާފައެވެ.

ޗައިނާގެ ރައީސްއާ ބައްދަލުރެއްވި ރާއްޖޭގެ ވަފުދުގެ ބޭފުޅުން. --ފޮޓޯ: ރައީސް އޮފީސް

ދެ ލީޑަރުންގެ ބައްދަލުކުރެއްވުމުގައި ކުރެއްވި އިތުރު މަޝްވަރާތަކުގައި، އިގްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި އިންވެސްޓްމަންޓާއި ސަލާމަތީ ގޮތުން އެއްބާރުލުން ދިނުމާއި، ދެ ޤައުމުގެ ދޭދޭ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކުރުން ހިމެނޭހެން، އެއްބާރުލުން ދެއްވާ މުހިންމު ދާއިރާތަކަށް އަލިއަޅުއްވާލައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ދެޤައުމުގެ މެދުގައި އޮތް ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރައްވައި، ދެފަރާތުން ހިއްސާކުރާ، މަސްލަހަތު ހިމެނޭ ކަންކަމާއެކު ކުރިއަށްވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު