ENGLISH

01 ސެޕްޓެމްބަރު 2025

Advertisement

ވީއައިއޭއިން ކުރި ބައިނަލްއަގުވާމީ ދަތުރުތައް ހަތަރު އިންސައްތަ އިތުރުވެއްޖެ

01 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ވީއައިއޭގެ އައު ޓާމިނަލް، ފޮޓޯ: ސެޓެކް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކުރި ބައިނަލްއަގުވާމީ ދަތުރުތައް ނިމުނު އަހަރާ އަޅާބަލާއިރު %4 އިތުރުވެފައިވާކަން މަރުކަޒީ ބޭންކު (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

އެމްއެމްއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކުރި ބައިނަލްއަގުވާމީ ދަތުރުތަކުގެ އަދަދު 10،187 ދަތުރަށް އަރައެވެ. 

އެއީ 9،358 ޝެޑިއުލް ދަތުރާއި ޗާޓާޑް އަދި އަމިއްލަ ޕްރައިވެޓް ޖެޓުތަކުގެ 829 ދަތުރެވެ. މި ހިސާބުތަކަށް ބަލާއިރު ނިމުނު އަހަރަށްވުރެ ވީއައިއޭން ކުރި ބައިނަލްއަގުވާމީ ދަތުރުތައް އިތުރުވެފައިވެއެވެ. ހާއްސަކޮށް ޝެޑިއުލް ދަތުރުތައްވަނީ އިތުރުވެފައެވެ. 

ފާއިތުވި އަހަރުގެ ޖަނަވަރީން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ވީއައިއޭން ކޮށްފައިވާ ބައިނަލްއަގުވާމީ ދަތުރުތަކުގެ ޖުމްލަ އަދަދަކީ 9.698 ދަތުރެވެ. އެހެންކަމުން މި އަހަރުގެ ޖުމްލަ ދަތުރުތަކުގެ އަދަދު ގާތްގަނޑަކަށް ހަތަރު އިންސައްތައިން އިތުރުވެފައިވެއެވެ. 

އަދި ނިމުނު އަހަރުގެ އެ މުއްދަތުގައި ވީއައިއޭން ކުރި ޝެޑިއުލް ފުލައިޓުތަކުގެ އަދަދަކީ 8،866 ދަތުރެވެ. އެހެންކަމުން ވީއައިއޭން މި އަހަރު ކުރި ޝެޑިއުލްޑު އިންޓަނޭޝަނަލް ދަތުރުތަކުގެ އަދަދު 5.4 އިންސައްތައިން އިތުރުުވެފައިވެއެވެ. 

ވީއައިއޭން ކުރި ބައިނަލްއަގުވާމީ ދަތުރުތައް އިތުރުވިއިރު ރާއްޖެއަށް އެ މުއްދަތުގައި އައި ފަތުރުވެރިންގެ އަދަދު 9.5 އިންސައްތަ އިތުރުވެފައިވެއެވެ. އަދި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ބެޑްނައިޓު 1.4 އިންސައްތަ އިތުރުވިކަން ތަފާސްހިސާބުތަކުން ދައްކައެވެ. 

ކިޔުންތެރިންގެ ހިޔާލު