ENGLISH

01 ސެޕްޓެމްބަރު 2025

Advertisement

އެއާޕޯޓުގެ އިމާޖެންސީ އެކްސަސައިޒަށް ކަމާ ގުޅޭ އިދާރާތައް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

01 ސެޕްޓެމްބަރު 2025

|

ހަސަން އާމިރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ބާއްވަން ނިންމާފައިވާ އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އަށް އެމްއޭސީއެލް އާއި ކަމާގުޅޭ އިދާރާތައް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

އަންނަ ހަފުތާގެ ހޯމަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެފެކްސްގެ ބޭނުމަކީ އެއާޕޯޓުގައި ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ.

ހުޅުލޭ އައިލެންޑް ހޮޓަލުގައި ބޭއްވި ހަރަކާތުގައި އެފެކްސްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެމަޖެންސީ ހާލަތު އަސްލަކަށް ބަލައިގެން އެ ހާލަތަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަނެވިފައިވެއެވެ. އަދި ހަރަކާތް ނިންމާލުމަށް ފަހު ހަރަކާތުން ފާހަގަވި ކަންކަމާއި ރަނގަޅުކުރަންޖެހޭ ކަންކަމަށް މަޝްވަރާ ކޮށްފައިވެއެވެ.

މި ހަރަކާތުގައި އެމްއޭސީއެލްގެ ކަމާގުޅޭ ހުރިހާ ޑިޕާޓްމަންޓަކާއި 18 އިދާރާއަކުން 80 ބޭފުޅުން ބައިވެރިވެފައިވެއެވެ. އަދި ހަރަކާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެފެކްސް އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ.

ވީއައިއޭގައި އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އެންމެ ފަހުން ބޭއްވީ 2022 ވަނަ އަހަރު އެވެ. މި އަހަރުގެ އެފެކްސްގައި 33 އިދާރާއަކާއި ވޮލަންޓިއަރުންގެ ގޮތުގައި 391 ފަރާތަކުން ބައިވެރިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު