ENGLISH
01 ސެޕްޓެމްބަރު 2025
ރާއްޖޭގެ ތިން ސަރަހައްދެއްގައި ކަނދުފަތި އަޅައިފި
30 އޯގަސްޓު 2025
|
ސ.ގަމު ދޮށީ ކަނދުފަތި ޤާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން. --ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ
ރާއްޖޭގެ ތިން ސަރަހައްދެއްގައި މަސްވެރިކަމަށް ޚާއްޞަ ކަނދުފަތިތަކެއް ޤާއިމުކޮށްފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އިން މައުލޫމާތު ދިންގޮތުގައި، މިއީ ދޮށީގެ މަސްވެރިކަމަށް ޚާއްޞަކޮށް ޤާއިމުކުރި ދެ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންގ އަށް ޚާއްޞަ ވަދު ނަނުގެ ކަނދުފައްޗެކެވެ.
މީގެތެރެއިން، މި މަހުގެ 28 ވަނަ ދުވަހު ގދ. ފިޔޯރީގައި ދޮށީގެ ކަނދުފައްޗެއް، އެ ރަށުގެ ދެކުނުން 12.5 މޭލު ބޭރުގައި ޤާއިމުކޮށްފައިވެއެވެ. މި ކަނދުފަތީގެ ނަންބަރަކީ؛ Q09D01-01 އެވެ.
ފިޔޯރީ ކައިރީގައި ޤާއިމުކޮށްފައިވާ ދޮށީގެ ކަނދުފަތީގެ ޕޮޒިޝަން. --ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ
މަސްވެރިކަމާ ބެހޭ ވުޒާރާ އިން މިއަދު ވަނީ، ސ. ގަމުގެ ހުޅަނގު ދެކުނުން 13 މޭލު ބޭރުގައި ކަނދުފައްޗެއް އަޅައިފައެވެ. ދޮށީގެ މަސްވެރިކަމަށް ޚާއްޞަ މި ކަނދުފަތީގެ ނަންބަރަކީ R09D03-01 އެވެ.
މީގެއިތުރުން، އެ ވުޒާރާއިން މިއަދު ވަނީ، ސްޕޯޓްސް ފިޝިންގ އަށް ޚާއްޞަ ކަނދުފައްޗެއް ޏ. ފުވައްމުލަކު ބޭރުގައި އަޅައިފައެވެ. މި ކަނދުފަތި އަޅާފައިވަނީ ފުވައްމުލަކުގެ އިރުން 10 މޭލު ބޭރުގައެވެ. ވަދުނަނުގެ މި ކަނދުފަތީގެ ނަންބަރަކީ؛ Q10V01-01 އެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނދުފަތިތައް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ކަނދުފަތި އެޅުމުގެ އިތުރުން، ހަލާކުވެފައިވާ ކަނދުފަތިތައް މަރާމާތު ކުރުމުގެ މަސައްކަތް ވެސް އެ ވުޒާރާއިން އަންނަނީ ކުރަމުންނެވެ.
ފުވައްމުލަކު ކައިރީގައި އަޅާފައިވާ ވަދު ނަނުގެ ކަނދުފަތީގެ ޕޮޒިޝަން. --ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ
މި މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި ދެ ބާވަތެއްގެ ކަނދުފަތި ވަނީ އަޅައިފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ވަދު ކަނދުފައްޗެވެ.
އެގޮތުން، ރަށްރަށުގެ ވަށައިގެން ތިން މޭލާއި ހަ މޭލާއި ދެމެދުގެ ދުރުމިނުގައި ގާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ.
ރާއްޖޭގައި މި ވަގުތު ހުރީ ކަނދުފަތި ގާއިމުކުރާ އެންމެ ސެންޓަރެކެވެ. އެއީ ހުޅުމާލޭގަ ހުންނަ ތަނެވެ. މިކަމަށް އޮތް ޑިމާންޑްގެ ބޮޑުކަމުންނާއެކު، ސަރުކާރުން ދަނީ ރާއްޖޭގެ ދެ ސަރަހައްދެއްގައި ކަނދުފަތި ސެންޓަރު އެޅުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ. އެގޮތުން ށ. ފުނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ކަނދުފަތި ސެންޓަރުގެ އަމަލީ މަސައްކަތް މިއަންނަ ޑިސެމްބަރު މަހުގެ ކުރިން ފެށޭނެކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.