ENGLISH
01 ސެޕްޓެމްބަރު 2025
އަހަރުގެ ބޮޑު ފިލްމް "އިލްޒާމް" ގެ ފަސްޓްލުކް ދައްކާލައިފި
25 އޯގަސްޓު 2025
|
ކުޅަދާނަ ޑައިރެކްޓަރު / އެކްޓަރު, ޔޫސުފް ޝަފީޢުގެ އައު ފިލްމް "އިލްޒާމް" ގެ ފަސްޓްލުކް ދައްކާލައިފި އެވެ.
ފިލްމީ ދާއިރާ ދުށް އެންމެ މޮޅު އެކްޓަރު ކަމަށް ގިނަ ބަޔަކު ދެކޭ ޔޫއްޕެގެ "އިލްޒާމް" ގެ ފަސްޓްލުކް ދައްކާލުން އޮތީ "ނޮވެލް" ގައި އޮތް ހާއްސަ ހަފްލާއެއްގަ އެވެ. މިއީ ޔޫއްޕެ ޕްރޮޑަކްޝަން އާއި ދެކެދެކެ ވެސް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
ވަރަށް ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމަކީ މި އަހަރު ސްކްރީން ކުރާނެ އެންމެ ރީތި ފިލްމަށް ވާނެ ކަމަށް ބެލެވެ އެވެ. ނަފްރަތާއި ހަސަދަަ, ލޯތްބާއި ހިތާމަ, އެކުވެރިކަމާއި ދެކޮޅުވެރިކަން, އާއިލީ ބަދަހި ގުޅުމާއި މައިންބަފައިންނާއި އޮންނަން ޖެހޭ ގުޅުންތައް އަދި ހަސަދައާ ފިތުނަވެރިކަމާއި މި ނޫންވެސް ތަފާތު އެކި އިހްސާސްތައް ދައްކުވައިދޭ މި ފިލްމަކީ މި އަހަރުގެ ބޮޑު ފިލްމު ކަމުގައި ގިނަ ބަޔަކު ދެކެ އެވެ.
ފިލްމުގެ ތަރީންނާއި ފިލްމީ ދާއިރާގެ ގިނަ ބަޔަކު ބައިވެރިވި މި ހަފްލާގައި ފިލްމުގެ ފަސްޓްލުކް ވަނީ ދައްކާލާފަ އެވެ. އަދި ފިލްމުގެ ޓްރެއިލާ އާއި މުޅި ފިލްމުގެ މުހިންމު ހައިލައިޓްސްތަކެއް ވަނީ ދައްކާލާފަ އެވެ. "އިންޝޯޓް" ބެލުމަށް ފަހު ވަރަށް ގިނަ ބަޔަކު ވަނީ މިއީ މި ފަހުން ބަލާލަން ލިބޭނެ އެންމެ ރީތި އަދި އެންމެ ތަފާތު ފިލްމަށް ވާނެ ކަމަށް ބުނެފަ އެވެ.
މި ފިލްމަކީ ޔޫއްޕެގެ ޑްރީމް ޕްރޮޖެކްޓެކެވެ. މި ފިލްމުގެ ސްކްރީންޕްލޭ ލިޔެ ބެލުންތެރީންނާއި ހަމައަށް ގެނެސް ދިނުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރީ މީގެ 15 އަހަރު ކުރީން 2010 ވަނަ އަހަރު އެވެ.
ނަމަވެސް އެކި ސަބަބުތަކާއި ގުޅިގެން ފިލްމު ގެނެސްދެވޭ ގޮތް ނުވީ އެވެ.
ވަރަށް ހިތްގައިމު ލަވަތައް ހިމެނޭ މި ފިލްމުގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ އދ. ދަނގެތީގަ އެވެ. މި ފިލްމުގައި ޔޫއްޕެގެ އިތުރުން އަހްމަދު ނިމާލް އާއި ދަރާ މުހައްމަދު ރަޝީދު, މަރިޔަމް ޝަކީލާ ފަދަ މޮޅު އެކްޓަރުންނާއި އެކްޓްރެސް އިން ފެނިގެންދާނެ އެވެ.
މިއީ ޔޫއްޕެ ލިޔެ ޑައިރެކްޓަރު ކޮށްފައިވާ ފިލްމެެކެވެ. މި ފިލްމު ސްކްރީން ކުރާނެ ތާރީޚް ވަރަށް އަވަހަށް އިއުލާނު ކުރާނެ އެވެ.