ENGLISH

20 ޖޫން 2026

Advertisement

އެކަކު މަދުކޮށް ކުޅުނު ޕެރަގުއޭ އިން ޖެހި އަވަސް ގޯލާއެކު ތުރުކީ ބަލިކޮށްފި

20 ޖޫން 2026

|

މުޙައްމަދު އަދުހަމް

ތުރުކީ ކޮޅަށް ލަނޑުޖެހުމަށްފަހު ޕެރަގުއޭގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: އޭޕީ

ވޯލްޑް ކަޕްގެ މި ފަހަރުގެ މުބާރާތުގައި ފެނިގެންދިޔަ އެންމެ އަވަސް ގޯލާއެކު، މެޗުގެ ދެބައިކުޅަ އެއްބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ޕެރަގުއޭ އިން 1-0 އިން ތުރުކީ ބަލިކޮށްފިއެވެ.

މި ނަތީޖާއާއެކު ޕެރަގުއޭ ވަނީ ގްރޫޕް ޑީ ގެ ތިންވަނަ މަގާމަށް ޖެހިލައިފައެވެ. މި ގްރޫޕުގެ އެންމެ ކުރީގައި އުޅޭ އެމެރިކާ އަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އޮސްޓްރޭލިއާ އާއި ތިނެއްގައި އޮތް ޕެރަގުއޭ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އޮސްޓްރޭލިއާ އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. ފުލުގައި އޮތް ތުރުކީ އަށް ޕޮއިންޓެއް ނުލިބެއެވެ.

އެމެރިކާގެ ސެން ފްރާންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިގެން 64 ވަރަކަށް ސިކުންތުގެ ތެރޭގައި ޕެރަގުއޭ އަށް ލަނޑުޖަހައިދިނީ މަޓިއަސް ގަލާޒާ އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ފެނިގެންދިޔަ އެންމެ އަވަސް ގޯލެކެވެ. ކުރީން މި ރެކޯޑް އޮތީ މުބާރާތުގެ ގްރޫޕް ސީ ގައި ސްކޮޓްލެންޑް އާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑުޖެހި މޮރޮކޯގެ އިސްމާއިލް ސައިބާރީ އަތުގައެވެ. ރޭގެ މެޗުގައި އޭނާ ލަނޑުޖެހީ ފެށިގެން 71 ސިކުންތުގެ ތެރޭގައެވެ.

ޕެރަގުއޭ އިިން މުބާރާތުގެ އެންމެ އަވަސް ލަނޑުޖެހީ އެ ޓީމުގެ އަންޑްރެސް ކޫބާސް މެދުތެރެއިން ބޯޅަ ހޯދުމަށްފަހު ހޫލިއޯ އެންސީސޯ އަށް ދިނުމުން، އޭނާ އެ ބޯޅަ ހިފައިގެންގޮސް ގަލާޒާ ދިން ޕާހަކުންނެވެ.

ފުރަތަމަ ހާފުގައި ތުރުކީ އަށް ލަނޑެއްޖަހައިދޭން ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި މާޓް މުލްޑާ ބޮލުން ފޮނުވާލި ބޯޅައެއް ގޯލުގެ ހުރަސްދަނޑިގެ އިތުރުން އަރިމަތީދަނޑިއަށް އަމާޒުވެފައިވެއެވެ.

ޕެރަގުއޭއާ ތުރުކީ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އޭޕީ

މި ހާފުގެ އިތުރުވަގުތުގެ ތެރޭގައި ޕެރަގުއޭގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ، މިގިއުލް އަލްމިރޯންއަށް ރަތް ކާޑު ދެއްކުމާ ގުޅިގެން އެ ޓީމުން ބާކީބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

އަލްމިރޯންއަށް ރަތް ކާޑު ދެއްކީ، ދަނޑުގެ މެދުތެރެއިން ކުރި ފައުލަކާ ގުޅިގެން ތުރުކީގެ މުލްޑާއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރި ވަގުތު، އަނގަމަތީގައި އަތްއަޅައިގެން ވާހަކަދެއްކުން މަނާކުރާ އައު ގަވާއިދާ އޭނާ ޚިލާފުވުމުންނެވެ.

އަލްމިރޯން އަނގަމަތީގައި އަތްއަޅައިގެން ހުރެ މުލްޑާއާ ދިމާލަށް އެއްޗެކޭ ބުނުމުން، މުލްޑާ ވަނީ ވަގުތުން ރެފްރީ އައިވަން ބާޓަންގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ. މިއާއެކު، ރެފްރީ ވަނީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށްފަހު އަލްމިރޯން އަށް ރަތް ކާޑު ދައްކައިފައެވެ.

މެޗުގެ ދެވަނަ ހާފުގައި ތުރުކީ އިން ގިނަ އެޓޭކުތަކެއް ކޮށްގެން ލަނޑެއްޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، އޭގެތެރެއިން ގިނަ ބޯޅަތައް ޕެރަގުއޭގެ ކީޕަރު، އޯލަންޑޯ ގިލް ވަނީ ހުއްޓުވައިފައެވެ.

ޕެރަގުއޭއާ ތުރުކީ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އޭޕީ

ފަހު ހާފުގައި ތުރުކީގެ ކެޕްޓަން، ހަކާން ޗައަނޮގްލޫ ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިކައިރިން ބޭރަށް ދިޔައިރު، ޑެނިޒް ގުލް ބޮލުން ފޮނުވާލި ބޯޅައަކާއި ކެނާން ޔިލްޑީޒް އަށް ލިބުނު ފުރުސަތުގެ ވެސް ބޭނުމެއްނުހިފުނެވެ.

މި މެޗުން ހޯދީ މޮޅާއެކު ޕެރަގުއޭ އިން ވަނީ މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކުރުމުގެ އުއްމީދު ބޮޑުކޮށްފައެވެ. އެއީ މި ފަހަރުގެ މުބާރާތުގެ ގަދަ 32 ގެ ބުރުގައި ގްރޫޕްތަކުގެ އެއްވަނަ އާއި ދެވަނަ ޓީމުތަކުގެ އިތުރުން ހުރިހާ ގްރޫޕްތަކުގެ ތެރެއިން ތިންވަނަ އަށް ދާ އެންމެ ރަނގަޅު ނަތީޖާ ހޯދާ އަށް ޓީމަކަށް ފުރުސަތު ލިބޭތީ އެވެ.

އަނެއްކޮޅުން، މި މެޗުން ބަލިވި ތުރުކީ އަށް ވަނީ 24 އަހަރަށްފަހު ވޯލްޑް ކަޕަށް އެނބުރިއައި އައުން ހިތްދަތިކަމާއެކު ނިންމާލަން ޖެހިފައެވެ. އެ ޓީމު މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވުމާއެކު ވަނީ މުބާރާތުން ކަޓައިފައެވެ. 

މި ގްރޫޕުގެ ފަހު މެޗުތަކުގައި އަންނަ ހުކުރު ދުވަހުގެ ހެނދުނު ރާއްޖެގަޑިން 7 ޖަހާއިރު ޕެރަގުއޭއާ އޮސްޓްރޭލިއާ ބައްދަލުކުރާއިރު، ހަމަ އެގަޑީގައި ތުރުކީ ނިކުންނާނީ އެމެރިކާއާ ދެކޮޅަށެވެ.


ކިޔުންތެރިންގެ ހިޔާލު