ENGLISH
01 ޖުލައި 2025
ފީފާ ކްލަބް ވޯލްޑްކަޕް ގްރޫޕް އެޗް: ރެއާލް މިރޭވެސް ނުކުންނާނީ އެމްބާޕޭ ނުލާ
22 ޖޫން 2025
|
ކިލިއަން އެމްބާޕޭ-- ފޮޓޯ: ބީބީސީ
ފީފާ ކްލަބް ވޯލްޑް ކަޕުގައި މިރޭ، މެކްސިކޯގެ ޕަޗޫކާއާ ދެކޮޅަށް ރެއާލް މެޑްރިޑް ނުކުންނަ އިރު އެ ޓީމުގެ ފްރާންސް ފޯވާޑް، ކިލިއަން އެމްބާޕޭއަށް ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.
ރެއާލްގެ ކޯޗު، ޒަބީ އެލްންސޯ ބުނީ، އެމްބާޕޭ ހޮސްޕިޓަލުގައި ބޭއްވުމަށް ފަހު ދޫކޮށްލާފައިވީ ނަމަވެސް، އަދިވެސް ކުޅެވޭ ވަރު ނުވާކަމަށެވެ. އަދި ގްރޫޕުގެ ތިންވަނަ މެޗަށް، އެމްބާޕޭ ފިޓުވާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ޒަބީ ބުނެފައިވެއެވެ.
ގްރޫޕްގެ ފުރަތަމަ މެޗަށް ބަލާއިރު، ރެއާލް މެޑްރިޑް ވަނީ ސަޢޫދީގެ އަލް ހިލާލްއާ ދެކޮޅަށް ކުޅުނު މެޗުން 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މި މެޗުގައި ރެއާލް އިން ޖެހި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ރެއާލް މެޑްރިޑް ކަސްޓިއާގެ ފޯވާޑް، ގޮންޒާލޯ ގާސިއާ އެވެ. އަދި އަލް ހިލާލް ވަނީ އޮސްޓްރިއާގެ ސަލްޒްބާގް އާ ދެކޮޅަށް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.
މިރޭގެ މެޗަކީ، ތިންވަނަ މެޗުގެ ކުރިން ، ދެވަނަ ބުރަށް ދާނެކަން ޔަގީންކުރުމަށް، ރެއާލް އަށް މުހިންމު މެޗެކެވެ. މި މެޗުން މޮޅުވެ، މި ގްރޫޕުގައި މިރޭ ކުޅޭ އަނެއް މެޗުގައި ސަލްޒްބާގް، އަލް ހިލާލް ބަލިކޮށްފި ނަމަ، ގްރޫޕްގެ ދެވަނައިގައި ރެއާލް އަށް ހަމަޖެހިލެވޭނެއެވެ. އަދި، ފަހު މެޗުން މޮޅުވެއްޖެ ނަމަ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދެވޭނެއެވެ.
މިރޭގެ މެޗުގައި ރެއާލްގެ ބްރެޒިލް ދެ ފޯވާޑުން ކަމަށްވާ ވިނީޝިއަސް އަދި ރޮޑްރީގޯ، މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ. އަދި ފުރަތަމަ މެޗުގައި ގޯލުޖެހި ގާސިއާ މި މެޗުގައި ވެސް ފެނިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މެޗުގެ ވަކި ހިސާބަކުން ތުރުކީގެ ފޯވާޑް އަރްދާ ގޫލަރ ވެސް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.
މި މެޗު ކުޅޭނީ ރާއްޖެ ގަޑިން މިރޭ 12:00 ގައެވެ.