ENGLISH
01 ޖުލައި 2025
24 އަހަރަށް ފަހު އޮވިއޭޑޯ އެނބުރި ލަލީގާ އަށް
22 ޖޫން 2025
|
އޮވިއޭޑޯގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: އީއެފްއީ
ސްޕެނިޝް ލީގުގެ ޕްރޮމޯޝަން ޕްލޭ-އޮފްގައި ރޭ ކުޅުނު މެޗުގައި މިރަންޑެސް 3-1 އިން ބަލިކޮށް، ރެއާލް އޮވިއޭޑޯ އިން 24 އަހަރަށް ފަހު އެނބުރި ސްޕެނިޝް ލީގުން ޖާގަ ކަށަވަރުކޮށްފިއެވެ.
މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގުން 1-0 އިން މިރަންޑެސް މޮޅުވިނަމަވެސް، އޮވިއޭޑޯ އިން ދެ މެޗުގެ އެގްރިގޭޓުން މިރަންޑެސްގެ މައްޗަށް ކުރި ހޯދީ 3-2 އިންނެވެ.
އޮވިއޭޑޯގެ އެސްޓާޑިއޯ ކާލޯސް ޓާޓިއެރޭގައި ކުޅުނު މި މެޗުގައި އެ ޓީމަށް ލަނޑުތައް ޖަހައިދިނީ ސަންޓީ ކަޒޯލާ، އިލްޔަސް ޗައިރާ އާއި ފްރާންސިސްކޯ ޕޯޓިލޯ އެވެ. މީގެތެރެއިން، އޮވިއޭޑޯގެ ތިންވަނަ ލަނޑު، ޕޯޓިލޯ ޖަހައިދިނީ މެޗުގެ އިތުރު ވަގުތުގެ ކުޅުމުގެ ފުރަތަމަ ހާފު ނިމެންދަނިކޮށެވެ.
މި މެޗުގައި މިރަންޑެސްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ވަކީން ޕަނިޗެލީ އެވެ.
މެޗު ނިމެންދަނިކޮށް، އޮވިއޭޑޯގެ ޑޭވިޑް ކޮސްޓާސް އާއި މިރަންޑެސްގެ އުނާއި އެގިލުޒް އަށް ސީދާ ރަތް ކާޑު ދެއްކުމުން ދެ ޓީމުން ވެސް ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.
ސްޕެއިނުގެ ހުޅަނގު އުތުރުގައި އޮންނަ އަސްތޫރިއާސް ޕްރޮވިންސަށް ނިސްބަތްވާ، އޮވިއޭޑޯގެ އިތުރުން އަންނަ ސީޒަނުގެ ސްޕެނިޝް ލީގުން ޖާގަ ހޯދާފައިވަނީ، ލެވާންޓޭ އާއި އެލްޗޭ އެވެ. ނިމިދިޔަ ސީޒަނަށް ފަހު، ސްޕެއިނުގެ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވީ، ލެގަނޭސް، ލަސް ޕަލްމާސް އަދި ވަޔަޑޮލިޑެވެ.