ENGLISH

01 ޖުލައި 2025

Advertisement

އިންޓަރ މޮޅުވިއިރު، ރިވަ ޕްލޭޓް ވީ އެއްވަރު

22 ޖޫން 2025

|

މުޙައްމަދު އަދުހަމް

އިންޓަރ އަށް ލަނޑު ޖަހައިދިނުމަށް ފަހު މާޓިނޭޒް އުފާ ފާޅުކުރަނީ. ފޮޓޯ: އޭޕީ

މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގައި އިންޓަރ މިލާން ފުރަތަމަ މޮޅު ހޯދިއިރު، ރިވަ ޕްލޭޓް ކުޅުނު މެޗުން އެއްވަރުވެއްޖެއެވެ.

އިންޓަރ ވަނީ ފަހަތުން އަރައި 2-1 އިން ޖަޕާނުގެ އުރާވާ ރެޑް ޑައިމަންޑްސް އަތުން މޮޅުވެފައެވެ.

މި ނަތީޖާއާއެކު، އަދިވެސް އެއްވަނައިގައި އުޅެނީ ރިވަ ޕްލޭޓް އެވެ. ރިވަ ޕްލޭޓް އިތުރުން ދެވަނައިގައި އޮތް އިންޓަރ އަށް ވެސް ދެ މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ރިވަ ޕްލޭޓަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި މޮންޓެރޭ އޮތީ ދެ ޕޮއިންޓާއެކު އެވެ. ފުލުގައި އޮތް އުރާވާ ރެޑް ޑައިމަންޑްސް އަށް ޕޮއިންޓެއް ނުލިބެއެވެ.

ސީޓްލްގެ ލުމެން ފީލްޑްގައި ކުޅުނު މެޗުގެ 11 ވަނަ މިނެޓުގައި ލީޑު ނެގީ އުރާވާ ރެޑް ޑައިމަންޑްސް އިންނެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ ރަޔޯމާ ވަޓަނާބޭ އެވެ. މި ގޯލާއެކު އުރާވާ އިން ހާފު ނިންމާލީ 1-0 އިން ކުރީގަ އޮވެގެންނެވެ.

އިންޓަރ އިން އެއްވަރުކުރަން ކުރި މަސައްކަތްތައް ކާމިޔާބުވީ މެޗު ނިމެން 12 މިނެޓަށް ވެފައިވަނިކޮށެވެ. މެޗުގެ 78 ވަނަ މިނެޓުގައި އިންޓަރ އެއްވަރުކުރީ ނިކޯލޯ ބަރޭލާ ނެގި ކޯނަރެއްގެ އެހީގައި އެ ޓީމުގެ ކެޕްޓަން، ލަޓާރޯ މާޓިނޭޒް ބައިސިކަލް ކިކަކުން ކާމިޔާބުކުރި ގޯލުންނެވެ. 

މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި އިންޓަރ މޮޅުވި ލަނޑުޖަހައިދިނީ ވަލެންޓިން ކާބޯނީ އެވެ. އޭނާ ކުޅެން ނިކުތީ ފަހު ހާފުގައެވެ. 

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި މޮންޓެރޭއާ ރިވަ ޕްލޭޓް ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. 

މި މެޗުން މޮންޓެރޭ އަށް ޕޮއިންޓެއް ހޯދައިދިނުމުގައި އެ ޓީމުގެ ގޯލްކީޕަރު، އެސްޓެބަން އަންޑްރާޑާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން، އޭނާ ވަނީ ފަހު ހާފުގައި ވެސް ރިވަ ޕްލޭޓްގެ ފްރެންކޯ މަސްޓަންޓުއޯނޯ އާއި މިގުއެލް ބޯރްހާ ފޮނުވާލި ދެ ހަމަލާއެއް ހުއްޓުވައިފައެވެ.

މެޗު ނިމެންދަނިކޮށް، ރިވަ ޕްލޭޓްގެ ކެވިން ކަސްޓާނޯ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން އެ ޓީމު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. 

ކިޔުންތެރިންގެ ހިޔާލު