ENGLISH
01 ޖުލައި 2025
ފްލުމިނެންސޭ އާއި ޑޯޓްމުންޑް ފުރަތަމަ މޮޅު ހޯދައިފި
22 ޖޫން 2025
|
ޑޯޓްމުންޑްގެ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ. ފޮޓޯ: ރޮއިޓާސް
ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި އެންމެ ފަހުން ކުޅުނު މެޗުތަކަށް ފަހު ބްރެޒިލްގެ ފްލުމިނެންސޭ އާއި ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމުންޑް ފުރަތަމަ މޮޅު ހޯދައިފިއެވެ.
ޑޯޓްމުންޑް ވަނީ 4-3 އިން މާމެލޯޑީ ސަންޑައުންސް ބަލިކޮށްފައެވެ. ފްލުމިނެންސޭ އިން އުލްސާން ހިއުންޑާއީ ބަލިކުރީ 4-2 އިންނެވެ.
މުބާރާތުގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗުގައި 0-0 އިން ވަނީ އެއްވަރުވެފައެވެ. މިއާއެކު، ދެ ޓީމަށް ވެސް ނޮކްއައުޓް ބުރަށް ދެވެން އޮތީ ދެން ހުރި މެޗުތައް ކާމިޔާބުކޮށްގެންނެވެ.
ރޭގެ ނަތީޖާއާއެކު، މި ގްރޫޕުގެ އެއްވަނައިގައި ފްލުމިނެންސޭ އޮތީ ދެވަނައިގައި އުޅޭ ޑޯޓްމުންޑްއާ އެއްވަރަށް ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން، ފައިދާ ގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް މާމެލޯޑީ ސަންޑައުންސް އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ފުލުގައި އޮތް އުލްސާން ހިއުންޑާއީ އަށް ޕޮއިންޓެއް ނުލިބެއެވެ.
ސިންސިނާޓީގައި ހުންނަ ޓީކިއުއެލް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 11 ވަނަ މިނެޓުގައި ލީޑު ނެގީ ސަންޑައުންސް އެވެ. އެ ޓީމަށް މި ލަނޑުޖަހައިދިނީ ލޫކަސް ރިބެއިރޯ އެވެ.
އޭގެފަސް މިނެޓު ފަހުން، ޑޯޓްމުންޑުން އެއްވަރުކުރީ ފެލިކްސް އެންމޭޗާގެ ގޯލުންނެވެ.
ފުރަތަމަ ހާފު ނިމުމުގެކުރީން، ޑޯޓްމުންޑުން ވަނީ އިތުރު ދެ ލަނޑުޖަހައި، ނަތީޖާ 1-3 އަށް ބަދަލުކޮށްލާފައެވެ. އެ ޓީމަށް މި ދެ ލަނޑު ޖަހައިދިނީ ސެރްހޫ ގިރާސީ އާއި ޖޯބް ބެލިންހަމް އެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ސަންޑައުންސްގެ ކުލީސޯ މުޑާއޫ އަތުން ބައިކޮޅަށް ވަތް ގޯލަކުން ޑޯޓްމުންޑުން ވަނީ ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު ބޮޑުކޮށްފައެވެ.
އޭގެފަހުން، ސަންޑައުންސް ވަނީ އިތުރު ދެ ލަނޑު ޖަހައިފައެވެ. ސަންޑައުންސްގެ ދެވަނަ ލަނޑު، 62 ވަނަ މިނެޓުގައި އިޤްރާމް ރޭނާސް ކާމިޔާބުކުރިއިރު، އެންމެ ފަހު މިނެޓުގައި ތިންވަނަ ލަނޑު ޖެހީ ލެބޯ މޯތިބާ އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ފްލުމިނެންސޭ މޮޅުވިއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ޖޮން އަރިއާސް، ނޮނާޓޯ، ހުއާން ފްރޭޓެސް އާއި ކޭނޯ އެވެ.
މި މެޗުގައި އުލްސާންގެ ލަނޑުތައް ޖެހީ ޖިން-ހިޔުން ލީ އާއި ވޮން-ސަންގ އުމް އެވެ.