ENGLISH
01 ޖުލައި 2025
ފީފާ ކްލަބް ވޯލްޑް ކަޕް ބޭއްވުމަށް ބްރެޒިލުން ޝައުޤުވެރިވޭ
21 ޖޫން 2025
|
ކްލަބް ވޯލްޑް ކަޕްގައި ބްރެޒިލްގެ ފްލަމެންގޯއާ އިންގްލެންޑްގެ ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން، --ފޮޓޯ؛ ރޮއިޓާސް
ދެހާސް ނަވާވީސް ވަނަ އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕް ބޭއްވުމަށް ބްރެޒިލުން ޝައުޤުވެރިކަން ފާޅުކޮށްފިއެވެ.
އެގޮތުން، ދާދިފަހުން ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަން (ސީބީއެފް) ގެ ރައީސްގެ މަގާމަށް އިންތިހާބުވި، ސާމީ ޒައުދު ވަނީ، ކްލަބް ވޯލްޑް ކަޕް ބޭއްވުމާ ގުޅޭގޮތުން ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯއާ އެކު މަޝްވަރާތައް ބާއްވައިފައެވެ.
"ހުރިހާ ކަމެއް ފެށިގެންދިޔައީ ތަޢާރަފްވުމުގެ ވާހަކަތަކުން،" ސީބީއެފްގެ ވެބްސައިޓްގައި ޒައުދު ބުނެފައިވެއެވެ.
ޒައުދު ބުނީ، ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުގެ އިސްވެރިޔާގެ ހައިސިއްޔަތުން އެ ޤައުމުގެ ފުޓްބޯޅައިގެ ލަނޑުދަނޑިތަކާ ބެހޭގޮތުން ދެއްކި ވާހަކަތަކުގެ ތެރޭގައި ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމްޢިއްޔާ، ފީފާ އާއެކު ބްރެޒިލުން ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.
އެއަށްފަހު، މިހާރު އެމެރިކާގައި ކުރިއަށްދާ މުބާރާތުގެ އިންތިޒާމްތަކާއި ބްރެޒިލްގެ ކްލަބުތަކުން ދައްކަމުންދާ ކުޅުމަށް ތަޢުރީފުކޮށް ދެއްކި ވާހަކަތަކަށްފަހު، ދެން ކުރިއަށް އޮތް ފީފާ ކްލަބް ވޯލްޑް ކަޕް ހޯސްޓްކުރުމަށް ޝައުޤުވެރިކަން ފާޅުކުރީ ކަމަށް ޒައުދު ބުންޏެވެ.
"ރައީސް، ޖިއާނީ އިންފަންޓީނޯ ވަރަށް އުފާވި. އެއީ ކުރެވިދާނެ ކަމެއް ކަމަށް ވެސް ވިދާޅުވި. މިހާރު އަހަރެމެން މި މަސައްކަތްކުރަނީ އެކަން ޙަޤީޤަތަކަށް ހެދުމަށް. އެއީ، ވަރަށް ހާއްސަ ލަނޑުދަނޑިއެއް،" ޒައުދު ބުންޏެވެ.
އެމެރިކާގައި މިހާރު ކުރިއަށްދާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ދެކުނު އެމެރިކާ ސަރަހައްދުން ވާދަކުރާ ހަ ކްލަބުގެ ތެރެއިން ހަތަރު ކްލަބެއް ނިސްބަތްވަނީ ބްރެޒިލަށެވެ. އެއީ، 2021 އިން 2025 ގެ ނިޔަލަށް ކޯޕާ ލިބަޓަޑޯރެސްގެ ޗެމްޕިއަންކަން ހޯދާފައިވާ، ޕަލްމެއިރާސް އާއި ފްލަމެންގޯގެ އިތުރުން ފްލުމިނެންސޭ އަދި ބޮޓަފޯގޯ އެވެ.
މިފަހަރު މުޅިން އައު ފޯމެޓަކަށް ފީފާ އިން ބާއްވާ މުބާރާތުގެ ކުޅުން އެމެރިކާގައި ކުރިއަށްދާއިރު، މީގެ ހަތަރު އަހަރު ފަހުން އެ މުބާރާތް ބާއްވާނެ ޤައުމަކާ މެދު ދަނީ ވިސްނަމުންނެވެ.
މީގެކުރީން، 2023 ވަނަ އަހަރުގެ ޖޫން މަހު، އޮސްޓްރޭލިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އެ ޤައުމުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ޗީފް އެގްޒެކެޓިވް ޖޭމްސް ޖޯންސަން ވަނީ، އޮސްޓްރޭލިއާ އިން 2029 ވަނަ އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕް ބޭއްވުމަށް ބިޑްކުރުމަށް އެދޭނެ ކަމަށް ބުނެފައެވެ.
އަދި، އެފްރިކާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މޮރޮކޯގެ ފުޓްބޯޅަ އެސޯސިއޭޝަންގެ އިސްވެރިޔާ، ފައުޒީ ލެކްޖާ ވަނީ، ސްޕެއިނާ ޕޯޗުގަލްއާ ގުޅިގެން އެ ޤައުމުގައި 2030 ވަނަ އަހަރުގެ ފީފާ މެންސް ވޯލްޑް ކަޕު ބޭއްވުމުގެ އެއް އަހަރު ކުރިން ކްލަބުތަކުގެ މެދުގައި ކުޅެވޭ ކްލަބް ވޯލްޑް ކަޕް ބޭއްވުމަށް ޝައުޤުވެރިވާ ކަމަށް ބުނެފައެވެ.